13 Jul 2015, 15:45
އެތެންސް (ޖުލައި 13) : ގްރީސްގެ ދަރަނީގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ތިންވަނަ މަރްޙަލާގެ ލޯންތައް ގްރީސްއަށް ދިނުމާބެހޭ ގޮތުން އެގައުމާއި ޔޫރޯޒޯންގެ ގައުމުތައް އެންމެފަހުން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
މިކަމުގައި އެއްބަސްވުމަކަށް އައިސްފައިވަނީ މިކަމަށް ޓަކައި ބޭއްވި ޔޫރޯޒޯންގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގަ އެވެ. މިސަމިޓްގެ އަރިމަތީގައި އިއްޔެ ވަނީ ޖަރުމަނުގެ ޗާންސެލާ އެންގެލާ މާކަލް އާއި ފަރަންސޭސި ރައީސް ފޮންސުވާ އޮލާންދް، ގްރީސްގެ ބޮޑުވަޒީރު އެލެކްސިސް ސިޕްރާސް އާ ބައްދަލުކުރައްވައި ގްރީސްގެ ދަރަނީގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ތިންވަނަ މަރްޙަލާގެ ލޯންތައް އެގައުމަށް ދިނުމާ ބެހޭ ގޮތުން ޚާއްސަ މަޝްވަރާތަކެއް ކުރައްވާފަ އެވެ. ޔޫރޯޒޯންގައި ހިމެނޭ އެންމެބާރު ގަދަ ދެގައުމަކީ ޖަރުމަނާއި ފަރަންސޭސިވިލާތެވެ.
ދަރަނީގެ މައްސަލަ ޙައްލުކުރުމަށް ގްރީސްއިން ހުށަހެޅި އިސްލާޙްތަކުގެތެރޭގައި ދިފާއީ ޚަރަދުތައް ކުޑަކުރުމާއި ޓެކްސް އިތުރުކުރުމާއި ޕެންޝަންގެ ޚަރަދުތައް ކުޑަކުރުން ހިމެނެ އެވެ. ތިންވަނަ މަރްޙަލާގެ ލޯންތައް ދިނުމަށް ޔޫރޯޒޯންގެ ލީޑަރުންގެ ސަމިޓުން ނިންމީ ގްރީސްއިން ހުށަހެޅި މިއިސްލާޙްތަކަށް ރިޢާޔަތްކުރައްވައި އެޖަމާއަތުގެ މާލީ ވަޒީރުން މިދިޔަ ހަފްތާގައި އެކުލަވާލެއްވި ހުށަހެޅުންތައް އިސްވެރިން ދިރާސާ ކުރެއްވުމަށްފަހުގަ އެވެ. ގްރީސް އަށް ބޭނުންވާ ތިން ވަނަ މަރްހަލާގެ ލޯން އެހީ ދިނުމަށް ޔޯރޯޒޯންގެ ލީޑަރުން ނިންމެވުމުން މިޒޯނުން ބޭރުވުމުގެ ބިރުން ގްރީސް މިހާރުވަނީ ސަލާމަތްވެފަ އެވެ. ނަމަވެސް ލޯންލިބޭނީ ގްރީސްއިން ގައުމުން ޔޫރަޕަށް ހުށަހެޅި އިސްލާޙްތައް އެގައުމުގެ ޕާލަމެންޓުން ތަސްދީގުކުރުމުންނެވެ. މިއާއެކު ގްރީސްއަށް ލޯންއެހީ ދިނުމަށް ޔޫރޯޒޯންގެ ސަމިޓުން ނިންމި ނިންމުންވެސް އެޒޯންގެ ގައުމުތަކުގެ ޕާލަމެންޓުން ތަސްދީގުކުރަންޖެހެ އެވެ.
ގްރީސްގެ ބޮޑުވަޒީރު އެލެކްސިސް ސިޕްރާސްވަނީ މިއީ އެގައުމަށް ލިބުނު ބޮޑުކާމިޔާބީ އެއްކަމަށް ސިފަކުރައްވާފަ އެވެ. ގްރީސްއިން ޔޫރޯ ޒޯނަށް ހުށަހެޅި އިސްލާޙްތަކަކީ ކުރިން އެފަރާތުން ގްރީސްގެ ކިބައިން އެދުނު ހަރުކަށި އިސްލާޙްތަކަށް ވުރެ މާ ލުއި އިސްލާޙްތަކެއްކަމަށް ވާތީ ސިޕްރާސް ވިދާޅުވީ ގްރީސްގެ ދަރަނީގެ މައްސަލަ ހައްލުކުރުމުގައި މިލިބުނީ ބޮޑު ކާމިޔާބީއެއް ކަމުގަ އެވެ. ލުއި އިސްލާޙް ތަކަކަށް ޔޫރޯޒޯންގެ ލީޑަރުން އެއްބަސްވެ ވަޑައިގެންނެވީ ކުރިން ހުށަހެޅި ހަރުކަށި އިސްލާޙްތަކަށް ގްރީސްގެ ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނޫނެކޭ ބުނެފައިވާތީ ކަމަށް ވެސް ސިޕްރާސް ވިދާޅުވި އެވެ. ކުރިން ޔޫރޯޒޯންގެ ގައުމުތަކުން އެދުނު ހަރުކަށި އިސްލާޙްތަކަށް ގްރީސްގެ ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނޫނެކޭ ބުނީ އެކަމަށް ޓަކައި ނެގި ފެންނަ ނުފެންނަ ވޯޓެއްގަ އެވެ.
ދަރަނީގެ ގޮތުގައި ގްރީސް އަށް ވަނީ ފާއިތުވި ފަސް އަހަރު ތެރޭގައި 233 ބިލިއަން ޔޫރޯގެ ލޯން ދީފަ އެވެ. ޔޫރޯ ޒޯންގެ މާލީ އިދާރާތަކުން މިވަގުތު ގްރީށްއަށް ދޭނެކަމަށް ބެލެވިފައި ވަނީ 50 ބިލިއަން ޔޫރޯ އެވެ. މީގެތެރެއިން 25 ބިލިޔަން ޔޫރޯ ލޯންގެ އިންޓަރެސްޓްގެ ގޮތުގައި ގްރީސް އިން އަނބުރައި ޔޫރޯޒޯންގެ ގައުމުތަކަށާއި އައިއެމްއެފް އަށް ދައްކަންޖެހޭނެ އެވެ. ގްރީސްގެ ބޭންކުތަކަށް ބޭނުން ކުރެވޭނީ މީގެތެރެއިން އެންމެ 25 ބިލިއަން ޔޫރޯކަމަށް ޚަބަރު ލިބެ އެވެ. (ނޫސްއެޖެންސީތައް)