07 Mar 2011, 15:34
މި މަހުން ފެށިގެން އިންޑިއާގެ ޓްރިވެންޑްރަމް އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން އިތުރަށް 13 ޑޮލަރު (165ރ.) ނަގާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
އައިލެންޑް އޭވިއޭޝަނުން އާންމުކުރި އިއުލާނެއްގައި ބުނެފައި ވަނީ މާޗް މަހުން ފެށިގެން ޓްރިވެންޑްރަމުން ޓިކެޓް ނަގާ ފަރާތްތަކުގެ އަތުންނާއި ރިޓާން ޓިކެޓުގައި ޓްރެވިންޑްރަމް އަށް ދަތުރުކުރާ ފަރާތްތަކުގެ އަތުން ރާއްޖެ އިން "ޔޫޒާ ޑިވެލޮޕްމަންޓް ފީ"ގެ ގޮތުގައި 13 ޑޮލަރު ނަގާނެ ކަމަށެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ ފަސިންޖަރުންގެ އަތުން އިތުރު ފީއެއް ނަގަނީ އިންޑިއާގެ އެއާޕޯޓު އިކޮނޮމިކް ރެގިއުލޭޓަރީ އޮތޯރިޓީގެ ނިންމުމަކާ ގުޅިގެން އެ ފީ ޗާޖް ކުރަން ޖެހޭތީ ކަމަށެވެ.
"ޔޫޒާ ޑިވެލޮޕްމަންޓް ފީ" އަކީ ސާވިސް ޓެކްސް އާއި ކަލެކްޝަން ޗާޖާ އެކީގައި ފަސިންޖަރުންގެ އަތުން ނަގާފީ އެކެވެ.
ނަމަވެސް ތުއްތު ކުދިންގެ ޓިކެޓާއި ޑިޕްލޮމެޓިކް ޕާސްޕޯޓްގައި ދަތުރުކުރާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން 6 ގަޑިއިރުގެ ތެރޭގައި ފުރާ ފަސިންޖަރުންނާއި ޓެކްނިކަލް މައްސަލަ ނުވަތަ މޫސުން ގޯސްވުމުގެ ސަބަބުން ޓްރިވެންޑްރަމް އެއާޕޯޓުން ފުރަން ޖެހޭ ފަސިންޖަރުންނާއި ބައިނަލްއަގުވާމީ ފްލައިޓްތަކުން އިންޑިއާގެ ޑޮމެސްޓިކް ތަންތަނަށް ދަތުރުކުރާ ފަސިންޖަރުންގެ އަތުން އެފީ ނުނަގާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.