އިސްލާކިމް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަން ކުރައްވައިފި އެވެ.

ޑރ. ޝަހީމް މިއަދު ސަން އަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އޭނާއަށް އެ މަގާމް ހުށަހެޅުއްވީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަދި އެކަމާ މެދު ވިސްނާވަޑައިގަތުމަށް ފަހު ރައީސްގެ ހުށަހެޅުން ގަބޫލުފުޅުކުރައްވައި މިއަދު އެކަން އެމަނިކުފާނަށް އަންގާފައިވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑު އެ ހުށަހެޅުން ގަބޫލުކުރީ. ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އަޅުގަނޑު މަސައްކަތަށް ނިކުންނާނަން،" ޑރ. ޝަހީމް ވިދާޅުވި އެވެ.

ޝަހީމަކީ އިސްލާމިކް ޔުނިވާސިޓީ އުފެއްދުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އިސްލާމިކް ޔުނިވާސިޓީގެ ބިލް ޑްރާފްޓު ކުރުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ރައީސް ޔާމީން އެކުލަވާލެއްވި ކޮމެޓީ ޗެއާކުރައްވާފައި ވަނީ ވެސް ޑރ. ޝަހީމެވެ.

އޭނާ ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީން ތައުލީމް ހާސިލްކުރާ ދަރިވަރުންނަކީ އިލްމީގޮތުން ގާބިލް ބަޔަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އިސްލާމީ ދުނިޔޭގެ އެކިއެކި ޔުނިވާސިޓީތަކުގެ ތަޖުރިބާތައް ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވިއިރު މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީއާ ގުޅިގެން ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ސްޓްރެޓެޖިކް ޕްލޭން ވަނީ އެކުލަވާލާފަ އެވެ.

އެ ޕްލެނާ އެއްގޮތަށް އިސްލާމިކް ޔުނިވާސިޓީ ތަރައްގީ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ މިއަދު ވިދާޅުވި އެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން ވައިސް ޗާންސެލަރަކީ ޔުނިވާސިޓީގެ މަޖިލީހުން ނިންމާ އުސޫލުތަކާ އެއްގޮތަށް ޔުނިވާސިޓީގެ ތައުލީމީ، އިލްމީ އަދި އިދާރީ ކަންތައްތައް ހިންގާ އެންމެ އިސްވެރިޔާ އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ރައީސް އައްޔަން ކުރައްވާފައި ވަނީ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމުގައި ހުންނެވި ޑރ. މުހައްމަދު ޒާހިރު ހުސައިނެވެ.