މެކްސިކޯގެ އެންމެ ނުރައްކާތެރި ޑްރަގްލޯޑް ޖޯކްއިން ގުޒްމަން (އެލްޗަޕޯ) އެގައުމުގެ ހައިސެކިއުރިޓީ ޖަލުން ފިލާފައި ވަނީ 1.5 ކިލޯ މީޓަރުގެ ދިގު ބިންގަރާހެއް ކޮނެގެން ކަމަށް މެކްސިކޯ ފުލުހުން ބުނެފި އެވެ.

މެކްސިކޯ ނެޝަނަލް ސެކިއުރިޓީ ކޮމިޝަނާ މޮންތޭ އަލެހަންދުރޯ ރުބީދޯ ވިދާޅުވި ކަމަށް އަލް ޖަޒީރާ ބުނީ ގުޒްމަން ފިލުމަށް ބޭނުންކުރި ބިންގަރާސް ކޮނެފައި ވަނީ ޖަލުގައި އޭނާ ހުރި ބައިގެ ފެންވަރާ ތަނަށް އެއްކޮޅު ނިމޭ ގޮތަށް ކަމަށެވެ. އެ ބިންގަރާސް ފެނުނީ ސަލާމަތީ ކެމެރާތަކަށް ގުޒްމަން ގެއްލުމުން ގޮސް ބެލުމުން ކަމަށް ވެސް އަލެހަންދުރޯ ހަވާލާދީ ހަބަރުގައިވެ އެވެ.

ގުޒްމަން ފިލުމަށް ބޭނުންކުރި ބިންގަރާހުގައި ވައި ދައުރުވާނެ ނިޒާމަކާއި އަލިކަން ވެސް ހުށްޓެވެ. އަދި ރެއިލް ސިސްޓަމެއްގައި ގާއިމްކޮށްފައިވާ މޮޓޯ ސައިކަލެއް ވެސް އެތަނުގައިވެ އެވެ.

ގުޒްމަން ހޯދުމަށް މެކްސިކޯގެ ސަލާމަތީ ބާރުތަކުން މިހާރު ވަނީ ވަރުގަދަ އޮޕަރޭޝަނެއް ފަށާފަ އެވެ. އަދި އޭނާ ފިލުމަށް ޖަލުގެ އެއްވެސް މުވައްޒަފަކު އެހީތެރިވެދީފައިވޭތޯ ބެލުމަށް ވަރުގަދަ ތަހުގީގެއް ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ޖަލުގެ 18 މުވައްޒަފަކާއި މެކްސިކޯ ފުލުހުން ވަނީ ސުވާލުކޮށްފަ އެވެ.

ގުޒްމަން އަކީ ކުރިން އާދައިގެ ޑްރަގް ޑީލަރަކަށް ވިޔަސް 2003 ވަނަ އަހަރު ޖަލުން ފިލުމަށް ފަހު އޭނާ ވެފައި ވަނީ މެކްސިކޯގެ އެންމެ ނުރައްކާތެރި އަދި ނުފޫޒު ގަދަ ޑްރަގް ކާޓެލްގެ ވެރިޔާ ކަމަށެވެ. ދެހާސް ތިން ވަނަ އަހަރު ފިލި ފަހުން މެކްސިކޯގެ ސަލާމަތީ ބާރުތަކުން އޭނާ ހައްޔަރުކުރީ މިދިޔަ އަހަރު އެވެ.

ގުޒްމަން ނުބައި މީހެއްގެ ގޮތުގައި ހިމަނައިގެން ވާހަކަތަކާއި ފިލްމުތައް އުފައްދާފައިވެ އެވެ.