އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރަނީ އިންތިޚާބުތަކުގެ ޚަރަދު ކުޑަކުރަން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާނު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އިންތިޚާބުތަކާ ގުޅޭ ކަންކަމުގައި ދަތުރުފަތުރުގެ އަގު ކުޑަކުުރުމަށް މޯލްޑިވިއަން އާ އެކު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ފަހު ސުލައިމާން ވިދާޅުވީ އެ އެމްއޯޔޫގެ ސަބަބުން އިލެކްޝަންސް ކޮމިޝަނަށް ފައިދާތައް ކުރާނެ ކަމަށެވެ.

"މި އެއްބަސްވުމުގެ ދަށުން އަޅުގަނޑު ގަބޫލުކުރަނީ އިލެކްޝަންތަކުގެ ދަތުރުތަކަށް ފަހި މަގުތަކެއް ހުޅުވިގެންދާނެ ކަމަށް އަދި ގެރެންޓީ އާއި އިތުބާރާއި އެކީގައި އަޅުގަނޑުމެންގެ ދަތުރުތައް ފުރިހަމަވެގެންދާނެ،" ސުލައިމާން ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓާ އަބްދުލް ހާރިސް ވިދާޅުވީ ގައުމީ އެއާލައިނުގެ ހައިސިއްޔަތުން އިލެކްޝަންސް އަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.

"އިތުބާރާއި އެކީގައި އަދި ރަނގަޅު ހެޔޮއަގެއްގައި މިކަން ކުރަން އަޒުމުކަނޑައަޅައިގެން،" ތިއްބެވި ކަމަށް ހާރިސް ވިދާޅުވި އެވެ.

އިލެކްޝަންސްގެ ދަތުރުގެ ޚަރަދު ކުޑަވެގެންދާނީ ކިހާވަރެއް ކަަމެއް އިލެކްޝަންސް އިން ވެސް އަދި މޯލްޑިވިއަން ވެސް ނުބުނެ އެވެ.

"މި އެރޭންޖްމެންޓްގެ ދަށުން އެ ބޭފުޅުން (އިލެކްޝަަންސް) އަށް ޓިކެޓް ވަރަށް އަގުހެޔޮވާނެ،" ހާރިސް ވިދާޅުވި އެވެ. މޯލްޑިވިއަން އިން އެކި ރޭޓްތަކުގައި ޓިކެޓް ވިއްކާ އިރު އަބަދުވެސް އެއްމެ ހެޔޮ ރޭޓްގައި އިލެކްޝަންސް އަށް ޓިކެޓް ލިބޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ފްލައިޓެއް ޗާޓަރު ކުރަން ޖެހޭ ހާލަތެއްގައި އެކަމުގެ އަގުވެސް ކުޑަވާނެ ކަމަށް މޯލްޑިވިއަން އިން ބުނެ އެވެ.

މި އެއްބަސްވުމަކީ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށްވި އެއްބަސްވުމެކެވެ.