ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިން މޯބައިލް ބޭންކިން އެޕްލިކޭޝަން ލޯންޗުކުރިތާ ނުވަ ދުވަހުގެ ތެރޭގައި 21000 އަށް ވުރެ ގިނަ ކަސްޓަމަރުން އެއެފްލިކޭޝަން ޑައުންލޯޑްކޮށްފި އެވެ.

ގައުމީ ބޭންކުން މިއަދު ބުނީ މި މަހު ފަސް ވަނަ ދުވަހު ލޯންޗްކުރި އެއެޕްލިކޭޝަން މިހާތަނަށް 21،000 އަށް ވުރެ ގިނަ ކަސްޓަމަރުން ޑައުންލޯޑްކޮށްފައިވާ އިރު ގޫގްލް ޕްލޭ އާއި އެޕްލް އެޕް ސްޓޯރުގައި 4.7 ގެ އެވެރެޖް ރޭޓިންއެއް ލިބިފައިވާ ކަމަށެވެ.

އެ އެޕްލިކޭޝަން ބޭނުންކޮށްގެން ޕޭމަންޓް ހެދުމާއި ފައިސާ ޓްރާންސްފާ ކުރުމާއި ބިލަށް ފައިސާ ދެއްކުމާއި މޯބައިލް ފޯނު ރިޗާޖް ކުރުމުގެ އިތުރުން އެމީހަކާއި އެންމެ ކައިރީގައި ހުރި އޭޓީއެމް ލޮކޭޓް ކުރުމާއި ބީއެމްއެލް އަށް އެސްއެމްއެސް އަދި ކޯލް ކުރުން ފަދަ ހިދުމަތްތައް ލިބިގެންދެ އެވެ.

ބީއެމްއެލްގެ ރީޓެއިލް ބޭންކިން ޑައިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ އެޕްލިކޭޝްންގެ މަގުސަދަކީ ކަސްޓަމަރުންނަށް ވީހާ ވެސް ފަސޭހަގޮތްތަކެއް ހަމަޖައްސައި ދިނުނުން ކަމަށްވާ އިރު ކަސްޓަމަރުންގެ ފަރާތުން އެއެޕްލިކޭޝަން އަށް ލިބެމުންދާ ތަރުހީބާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.

"ކަސްޓަމަރުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބެމުންދާ ހިޔާލުތަކަށް ބަލާ އިރު ދެންނެވޭނީ ކަސްޓަމަރުންނަށް މިއެޕް ވަރަށް ބޮޑަށް ބަލައިގަނެ އަދި ލުއި ފަސޭހަކަމާ އެކީ ބޭންކިން ހިދުމަތް ބޭނުންކުރަމުންދާކަން." ޝަރީފް ވިދާޅުވި އެވެ.