އިނގިރޭސި ފުޓުބޯޅައިގެ ގަދަބާރު ލިވަޕޫލް އޭޝިއާއަށް ކުރާ ދަތުރުގައި މި މަހުގެ 24 ވަނަ ދުވަހު އެޓީމާ ދެކޮޅަށް މެލޭޝިޔާގައި ކުޅޭ މެޗުން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަށް ފުރުސަތު ލިބިއްޖެ އެވެ.

މެލޭޝިއާ އިން ހޮވާލެވޭ ޓީމު ކުޅޭ މެޗުން އޭނާއަށް ފުރުސަތު ދިން ކަމަށްޓަކައި ދަގަނޑޭ ވަނީ މޭލޭޝިއާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ތެންގަކޫ ޢަބްދުﷲ އަށާއި މެލޭޝިޔާގެ ގައުމީ ޓީމްގެ ކޯޗް ދެލާހް ސެލެހްއާއި އޭނާ ކުޅެމުން އަންނަ ޕީޑިއަރްއެމްގެ މެނޭޖުމެންޓަށް ޝުކުރު އަދާކޮށްފައެވެ.

"އަހަންނަށް ކުރާ ފުރިހަމަ އިތުބާރަށް ޝުކުރު އަދާކުރަން. އަހަންނަށް ޔަގީން މިމެޗަކީ ކާމިޔަބު މެޗަކަށް ވާނެކަމަށް،" ދަނގަޑޭ ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.

މެލޭޝިއާގެ ގައުމީ ޓީމްގެ ކޯޗް ދޮލާހް ސެލާހް އަކީ ކުރިން ޕީޑީއާރްއެމްގައި ދަނގަޑޭ އަށް ކޯޗް ކޮށްދިން މީހެކެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ދަގަނޑޭ ބުނެފައި ވަނީ ލިވަޕޫލާ ދެކޮޅަށް ކުޅެން އޭނާގެ ނަން ޓީމްގައި ހިމެނުމަކީ ފުޓްބޯޅަ ކެރިއާގައި ލިބުނު ބޮޑު ފުރުސަތެއް ކަމަށެވެ.

ދަނގަޑޭ ވަނީ މެލޭޝިއާގެ ޓީމެއްގައި ހިމެނިގެން މިއަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ޓޮޓެންހަމްހޮސްޕާއާ ދެކޮޅަށް ވެސް ކުޅެފައެވެ.

މިއަހަރުގެ މެއި 27 ވަނަ ދުވަހު ޓޮޓެންހަމާ ދެކޮޅަށް މެލޭޝިއާ ޓީމްގައި ހިމެނިގެން ކުޅުނު މެޗްގައި ޓޮޓެންހަމް ޓީމްގައި ހިމެނޭ ފްރާންސްގެ ގައުމީ ޓީމްގެ ގޯލްކީޕަރު ހޫގޯ ލޮރިސްއާއި ދަނގަޑޭ މެޗް ފެށުމުގެ ކުރިން ސަލާން ކުރަނީ --- ފައިލް ފޮޓޯ/ މޮލްޑިވްސްކޯ

ދަނގަޑޭގެ އިތުރުން ޓޮޓެންހަމާ ދެކޮޅަށް ކުޅުނު އަނެއް ބިދޭސީ ހަތަރު ކުޅުންތެރިންވެސް ވަނީ މެލޭޝިއާގެ ޓީމްގައި ހިމަނާފައެވެ.

ލިވަޕޫލުން އޭޝިއާއަށް މިކުރާ ދަތުރުގައި މޭލޭޝިއާގެ އިތުރުން ތައިލެންޑާ އޮސްޓްރޭލިއަވެސް އައުމަށް ވަނީ ހަމަޖެހިފައެވެ.

ލިވަޕޫލުން ވަނީ އޭޝިއާއަށް ކުރާ ދަތުރުގައި 30 ކުޅުންތެރިންގެ ސްކޮޑެއް ހިމަނާފައެވެ. އެލިސްޓްގައި ކުރިން ރަހީމް ސްޓާލިންގެ ނަން ހިމަނާފައިވާއިރު މިހާރު އޭނާ ވަނީ ލިވަޕޫލް ދޫކޮށް މެންޗެސްޓާ ސިޓީއަށް ބަދަލުވެފައެވެ.

އެޓީމާ އަލަށް ގުޅުނު ރޮބާޓޯ ފާމިނޯ އާއި މިހާރުވެސް ލިވަޕޫލަށް ކުޅެމުންގެންދާ ކްޓީނިއޯވެސް އެޝިއާއަށް ކުރާ ދަތުރަށް ކަނޑައަޅާފައިވާ ސްކޮޑުގައި ނުހިމެނެއެވެ. އެ ދެ ކުޅުންތެރިންނަކީ ކޮޕާއެމެރިކާގައި ބްރެޒިލްގެ ޓީމުގައި ކުޅެފައިވާ ދެ ކުޅުންތެރިއެކެވެ.