ރާއްޖެ އަށް ޑޮލަރުގެ މަދުކަމެއް ނެތް ކަމަށާއި ހަމަ އެކަނި ޓޫރިސްޒަމްގެ ފައިދާ އިން ވެސް ރާއްޖެ އަށް މަދުވެގެން ދެ ބިލިއަނެއްހާ ޑޮލަރު ލިބޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރާ އިސްލާމިކް ބޭންކް، އެމްއައިބީ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ މީގެ ކުރިން އިގުތިސޯދީ ނިންމުންތައް ނިންމަމުން އައީ ރާއްޖެ އަށް ޑޮލަރު ނުލިބޭ ކަމަށް ބަލައިގެން އެކަންތައްތައް ހައްލުކުރުމަށް ކަމަށާއި ނަމަވެސް ރާއްޖެ އަށް ޑޮލަރު އެކަށީގެންވާ މިންވަރަށް ލިބޭ ކަމަށެވެ.
"ދާދި އިހަކަށް ދުވަހާ ޖެހެންދެން ވެސް އިލްމީ މާހިރުން ވެސް، ޓެކްނިކަލް ބޭފުޅުން ވެސް ދެކިވަޑައިގަތް ތިއްބެވީ މި ރާއްޖެ އަށް އަހަރެއްގެ މައްޗަށް ލިބެނީ ޓޫރިޒަމްގެ ވިޔަފާރީގެ ތެރެއިން 700 އެތައް މިލއަން ޑޮލަރު ކަމަށް. އެހެންވީމާ ދެން ބެލެންސް އޮފް ޕޭމަންޓް ހިސާބުޖަހައި ނިމުނީމާ އަޅުގަނޑުމެންނަށް އޮންނަނީ ވަރަށް ބޮޑަށް ރަތުގައި. ދެން އޮންނަނީ ޑޮލަރު ނެތް ކަމަށް ފެނިފައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެގޮތުން ރައީސް ވިދާޅުވީ ރާއްޖެ އަށް ޑޮލަރުގެ ދަތިކަމެއް ނެތް ކަމަށާއި ޓީ-ޖީއެސްޓީގެ ގޮތުގައި ފުރަތަމަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު ޑޮލަރުން ޓޫރިޒަމްގެ ވިޔަފާރިން ރާއްޖެ އަށް މަދުވެގެން ދެ ބިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. އަދި ހަރަދުކުރުމަށް ފަހު އިތުރަށް 700 އާއި 800 މިލިއަން ޑޮލަރު ރާއްޖޭގައި ހުންނާނެ ކަމަށާއި ރާއްޖޭގައި ޑޮލަރު މަދުވެގެން އޫޅެ ކަމަށް ބުނުމަކީ ހައިރާންވާން ޖެހޭ ކަމެއް ކަމަށެވެ.
"އެއީ އަޅުގަނޑުމެން އިމްޕޯޓް ކުރަން ބޭނުންވާ މުދަލާއި 1.5 ބިލިއަން ޑޮލަރާއި އަދި ބޭރު މީހުންނަށް ދޭ ޑޮލަރު ކޮޅަކާއި އަދި ބޭސްކުރާ މީހުންނަށް ދޭ ޑޮލަރު ކޮޅަކާއި ޗުއްޓީ އަށްދާ ޑޮލަރު ކޮޅަކާއި އަދި ކިޔަވަންދާ ޑޮލަރު ކޮޅަކާއި އެނޫން ވެސް މިހެން ހުރި ކަންތައްތައް ނިންމާފައި ވެސް އަޅުގަނޑުމެން އަތުގައި ރަނގަޅު 700 – 800 މިލިއަން ޑޮލަރު ބާކީ އޮތް އަދަދަކީ. ޑޮލަރު މަދުވެގެން އުޅޭތަނެއް އެއްވެސް އިލްމްވެރިއަކަށް އަދި މާހިރަކަށް ފެނިއްޖިއްޔާ ނުދަންނަ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް ހައިރާންވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މީރާ އިން އާންމުކުރި ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ މަހު ޖީއެސްޓީގެ ގޮތުގައި 7.2 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެއީ މިރާ އިން ފުރަތަމަ ލަފާކުރި އަދަދަށް ވުރެ 0.6 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

ރާއްޖެ އަށް ޑޮލަރުގެ ތާށިކަމެއް އޮތް ކަމަށް ދައްކާ ސަބަބުތަކެއް ހުރިކަމަށް ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ބޭންކުތަކުގައި ޑޮލަރު ބެހެއްޓުމުން ލިބޭ ފައިދާ ކުޑަކަމަށެވެ. އެހެންވުމުގެ ސަބަބުން ބެންކުގައި ޑޮލަރު ބެހެއްޓުމުގެ ބަދަލުގައި އެހެން ތަންތަނުގައި ޑޮލަރު ބަހައްޓާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. ސަރުކާރުން ޑޮލަރުގެ ކަންތައްތައް ހައްލުކުރުމަށް ގަދަބާރު ބޭނުންނުކުރާނެ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ރަނގަޅު އިންވެސްޓްމަންޓް ހައުސްއެއް އޮތުމުން ޑޮލަރުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށެވެ. އަދި ވިދާޅުވީ މިއަދު ހުޅުވި އިސްލާމިކް ބޭންކަކީ ވިޔަފާރި ކޮށްގެން ޑޮލަރުގެ ހަމަ ފައިދާ ހޯދިދާނެ ވިޔަފާރިގެއެއް ކަމަށެވެ.

"މި [އެމްއައިބީ] ކޮޅުގައި ބަހައްޓާ ޑޮލަރު މި ރާއްޖޭގެ ވިޔަފާރިން ލިބެން ހުރި ވަރެއް އިރާދަކުރެއްވިޔާ ލިބޭނެ. އެމްއެމްއޭ ބޭންކު ހިތަށް އަރާވަރެއް ނޫން. އެއީ ތިން ހަތަރު ވަރެއް ފަސް ޕަސެންޓެއް ނޫން. މިރާއްޖެ އިން ވިޔަފާރިން ލިބެން އޮތް މިންވަރެއް މިބޭންކުން ލިބޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ތަކުރާރުކުރެއްވި ގޮތަށް ޑޮލަރުގެ ކަންތައްތައް ހައްލުކުރުމަށް ޓަކައި ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ދެތިން ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ޑޮލަރު ގިނަ އަދަދަކަށް ރާއްޖެ އަށް އިމްޕޯޓް ކުރާ ފަރާތްތަކަށް ރާއްޖޭގައި ޑޮލަރު މާރުކުރާ މިންވަރާ އަޅާ ބަލާފައި ޑިއުޓީގެ ކުޑަ ލުޔެއް ދެއްވަން ގަސްތުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އޭގެން އެއްވެސް ފިޔަވަޅަކީ އުގޫބާތެއް ނޫން. ކޮންމެ ކަމަކީ ވެސް އެއްޗެއް ދިނުން. އެއްޗެއް އަތުލުމެއް ނޫން. އަދަބެއް ދިނުމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖެ އިސްލާމްވި ދުވަހާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިއީ ރާއްޖެ އަށް އިސްލާމް ދީނުގެ މަތިވެރި ހިދާޔަތާއި އަލިކަން ލިބުނު ދުވަސް ކަމަށާއި އެކަމަށް ޓަކައި މާތްރަސްކަނލާންގެ އަށް ހަމްދު ކުރާ ކަމަށެވެ.