ގެއެއްގެ ފުރިޖުގެ ތެރެއަށް އެސިޑް އަޅާފައި ހުރި ފުޅި އެއްލީ ކަމުގެ ތުހުމަތުގައި އަންހެނަކާއި ފިރިހެނަކު ލ. މާވަށުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މީހުން ދިރިއުޅޭ ގެއެއްގެ ފުރިޖްގެ ތެރެއަށް އެސިޑް ކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެއް އަޅާފައި ހުރި 1.5 ލީޓަރުގެ ބޮނަކުއާ ފުޅިއެއްލީ ކަމުގެ ތުހުމަތުގައި މާވަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 47 އަހަރުގެ އަންހެނަކާއި 24 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ ފުޅި އޮތީ ފެންފުޅިތައް ފިނިކުރާ ބަޔަށްލާފައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ފެންމަތިވި އެ މައްސަލައާ ގުޅިގެން އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނީ އެސިޑްއަޅާފައި އޮތް ފުޅި ފުލުހުންގެ ބަލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުކުރާ އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ މާވަށުން ފުރައިގެންގޮސް ފޮނަދޫގައި ހުއްޓައި ކަމަށް ފުލުހުން ބުނެ އެވެ. އަދި ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ މާވަށުގައި އޭނާ ދިރިއުޅޭ ގެއިންނެވެ.

އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ފުރިހަމަ ކުރުމަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ގަމު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ވަނީ ދީފަ އެވެ.