13 Jul 2015, 11:39
އުއްމުލް މުއުމިނީން އައްސައްޔިދާ އުންމު ސަލަމާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވައިފައިވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘު ކުރެއްވިއެވެ.
"ތިމަންކަލޭގެފާނަކީ އާދަމުގެ ދަރިޔެކެވެ. ތިޔަބައިމީހުން ތިޔަބައިމީހުންގެ ސަރިޔަތްތައް ތިމަންކަލޭގެފާނުގެ އަރިހަށް ހުށަހަޅަމުއެވެ. ތިޔައިގެ ތެރެއިން އެކަކަށް ތިމަންކަލޭގެފާނުގެ ކުރިފުޅުމައްޗަށް އަނެކަކަށްވުރެ ފުރިހަމައަށް ދަޢުވާއެއް ހުށަހަޅައިލެވިދާނެއެވެ. ތިމަންކަލޭގެފާނަށް އަޑުއިވިވަޑައިގެންނެވި ގޮތާ އެއްގޮތްވާ ގޮތުގެ މަތީން ތިމަންކަލޭގެފާނަށް، މައްސަލައެއްގައި ޙުކުމް ކުރެއްވިދާނެއެވެ. (އެގޮތުން) ތިމަންކަލޭގެފާނަށް، މީހަކަށް އޭނާގެ އަޚާގެ ޙައްޤއއްދެއްވިދާނެއެވެ. ތިމަންކަލޭގެފާނަށް އޭނާއަށް އެދެއްވެނީ އަލިފާނުގެ ބުރިވަރެކެވެ." (މުއްތަފަޤު ޢަލައިހި)
އިތުރު ސާހިބާގެ މިޙަދީޘތުފުޅު އެނގޭގޮތުގައި މީހުންގެ މިލްކުތަކަކީ ހުރިހައި ހާލަތެއްގައިވެސް އޭގެ ވެރީންގެ ޙައްޤެކެވެ. ޚުދުނަބީބޭކަލަކަށް އޭގެ ޙައްޤުވެރީން މަޙްރޫމު ކުރައްވައި ނިޔާއެއްކަނޑަ އެޅުއްވުނު ކަމުގައި ވިޔަސްވެހެވެ. އެފަދަ ޙުކުމަކީ ޙައްޤެއްގެ މިލްކުވެރިކަމަށް ޙަޤީޤީ މާނައިގައި ބަދަލެއް އަންނާނެ ކަމެއްނޫނެވެ. ނަބީބޭކަލެއްގެ ނިޔާއަކާއެކުވެސް އާޚިރަތްދުވަހުން އެއްޗެއްވާހުށީ އަލިފާންބުރިވަރަކަށެވެ.
އެހެން މީހުންގެ ޙައްޤުތަކަށާއި ތިމާއާއެކު އެތައްބަޔެއްގެ ޙިއްސާއެކުލެވޭ ރައުސުމާލުތަކަށް ހައްދަނޫން ގޮތްގޮތުންވެރިވުމަކީ މިޒަމާނުގައި ވަރަށް ޢާއްމު ކަމެކެވެ. އަޑުގަދަކަމުގެ ޒަރީއާއިން "ރުއްގިނަކޮށްގެންނެވެ." ތިމާގެ ނުފޫޒާއި ބާރުގައެވެ. ފައިސާގެ ތަނަވަސްކަމުގެ އެހީގައި ޤާބިލް ވަކީލުންހޯދައި އެއުރެންގެ ދަމައިދޫކުރުމާއި ގުޅުވައި ބުރިކުރުމުންނެވެ. ރިޝްވަތާއި އެނޫންވެސް "ކަޅު ވަސީލަތް" ތަކުންނެވެ. ތިމާއަށް އެނގިހުރެ ޤަސްދުގައި ސަރިޔަތަށް ދޮގުމައުލޫމާތު ދީގެންނެވެ. ބައެއްމީހުން މިފަދަ ގޮތްގޮތަށް ތިމާމެންގެ މަޤްޞަދު ހާސިލުކުރެއެވެ. ކޮންމެ ރަށެއްގައިވެސް ކޮންމެ ބައެއްގެ ތެރޭގައިވެސް މިފަދަ ގޮތްގޮތަށް އަނެކުން ފޭރޭމީހުން ތިބެއެވެ. އޭގެ ތެރޭގައި އުސްޛުންނާއި އުލަމާއުން ވެސް ތިއްބަވައެވެ.
ޝައްކެއްނެތެވެ. ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަގެ އިސްވެދިޔަ ޙަދީޘުފުޅަކީ އެފަދަފަރާތްތަކަށް ހުރި އިންޒާރެކެވެ. ދެއްވައިފައިވާ ބިރުވެރިކަމުގެ ޚަބަރެކެވެ. ހޭއަރުވައިދެއްވައިފައިވާ ހޭއަރުވައިދެއްވުމެވެ. ޚުދު ނަބީބޭކަލެއްގެ ނިޔާކަނޑައެޅުއްވުމުން އެކެއްގެ މިލްކެއް އަނެކަކަށް ބަދަލު ނުވާއިރު ރަޖިސްޓްރީއެއްގެ ބާރުގައި ނުވަތަ އެހެންވެސް ކަރުދާސް ކޮޅެއްގެ އެހީގައި އެކެއްގެ މިލްކެއް އަނެކަކަށް ހުއްދަވާނީ ކޮންފަދަޔަކުން ތޯއެވެ. ތިމާ ތަޞައްރަފުފުދޭ ހެޔޮޙާލުގައި ކޮށްފައި ހުންނަ ޢަޤްދުތަކާއި ޢަހްދުތަކަކީ ނުވާ ކަމަކަށް ހެދޭނެ ކޮންފަދައަކުންތޯއެވެ. އަނެކުންގެ ބުރަ މަސައްކަތަކީ ނުކުރާ ކަމަކަށް ހަނދާނީ ކިހިނަކުންތޯއެވެ.
މިދުނިޔޭގައި މީހަކަށް އަނެކެއްގެ ޙައްޤެއް ނުވަތަ އަނެއްބަޔަކު ޙިއްސާވާ އެސެޓެއް ތިމާގެ މިލްކަކަށް ހެދިހާނެއެވެ. އެ އެއްޗެއް ތިމާގެ ދިރިއުޅުމަށާއި، ތިމާގެ އަނބިދަރީންގެ ނަފާޤާތަށް ހޭދަކުރެވިދާނެއެވެ. އެފަދަ އެސެޓުތަކުން އިތުރު ބަގީޗާތަކާއި، އިމާރާތްތަކާއި، ދަނޑުފަދުތައްވެސް ހެއްދިދާނެއެވެ. ނަމަވެސް އަނެކުންގެ ޙައްޤުތައް ކައިބޮއި ހަދައިގެން އުފެއްދޭ މަހާއި ލޭ ޤިޔާމަތްދުވަހުން އެންމެ ޙައްޤު ކަމުގައި ބައްލަވާނީ ނަރަކައިގެ އަލިފާނުން އެންދެވުމަށެވެ.