ޖެނީވާ (ޖުލައި 13) : އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމުގެ ދާއިމީ އެއްބަސްވުމަކާ ހަމައަށް އާދެވިއްޖެކަން އިޢްލާން ކުރެއްވުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި އޮބާމާގެ ރިޔާސީ ޓީމު ތައްޔާރުވެވަޑައިގަންނަވަމުން ގެންދާކަމަށް ޚަބަރު ލިބިއްޖެ އެވެ.

ވައިޓް ހައުސްގެ ތަރްޖަމާނަކު ވިދާޅުވީ މިމައްސަލާގައި އެއްބަސްވުމަކަށް އާދެވުނުކަން އިޢްލާންކުރުމަށް ވާން ޖެހޭ ތައްޔާރީތައް ވައިޓް ހައުސްއިން ވަމުންދާ ކަމަށާއި ޖެނީވާގައި ކުރިޔަށްދާ ނިއުކްލިޔާ ވާހަކަތަކުގައި ބައިވެރިވާ އެމެރިކާގެ ވަފްދާއި އޮބާމާގެ ރިޔާސީ ޓީމުގައި ހިމެނިވަޑައިގަންނަވާ މަސްއޫލުވެރިން ގުޅުއްވައި މިކަމާ ބެހޭ އެންމެފަހުގެ މައުލޫމާތު ވަގުތުން ވަގުތަށް ސާފުކުރައްވަމުން ގެންދަވާކަމުގަ އެވެ.
ޖެނީވާއިން ލިބޭ ޚަބަރުތައް ބުނާގޮތުން އީރާނުގެ މައްސަލަ ހައްލުކުރުމުގެ ދާއިމީ އެއްބަސްވުން މިހާރު ވަނީ އަތްމަތީގައި ކަމަށާ ކުރިޔަށްއޮތް ބަރަވަރަކަށް ގަޑީއިރުތެރޭގައި އެއްބަސްވުމުގެ އެންމެ ފަހުގެ ނިންމުންނިންމައި ބޮޑެތި ބާރުތަކާއި އީރާނުން އެކަން އިޢްލާން ކުރާނެކަމަށް ބެލެވޭކަމުގަ އެވެ.

އަދި އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމުގެ ދާއިމީ އެއްބަސްވުމުގެ ދެލިކޮޕީއާއި އެއާގުޅިފައިވާ އެނެކްސްތަކުގެ 99 އިންސައްތަ ތައްޔާރުކޮށް ނިމިފައިވާއިރު ދެންއޮތީ އެންމެފަހުގެ ނިންމުންތައް ނިންމުމާއި މިލިޔުންތައް ބަލައި މުރާޖަޢާކުރުމުގެ އެންމެފަހުގެ މަސައްކަތްތައް ކަމަށްވެސް މިވާހަކަތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ޑިޕްލޮމޭޓުންނާ ޙަވާލާދީ ރިޕޯޓްތައް ބުނެ އެވެ.

އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމާބެހޭ ގޮތުން އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކާދެމެދު ކުރިޔަށްދާ ބުރަ އަދި އުނދަނގޫ ވާހަކަތަކަށް 18 މަސްދުވަސްވެފައިވާ އިރު މިވާހަކަތައް މިހާރުވަނީ އެއްބަސްވުމަކާ ހަމައަށް ދެވުމުގެ މަގުމަތީގަ އެވެ. މިމައްސަލައާ ބެހޭ ފަންނީ ހުރިހާ ކަމެއް ހައްލުވެފައިވާއިރު ދެންއޮތީ މިކަމާބެހޭ ދާއިމީ އެއްބަސްވުމަކާ ހަމައަށް ދިޔަކަން އިޢްލާން ކުރުމުގެ ސިޔާސީ ނިންމުން ކަމަށާ އެކަމަށް ޓަކައި މިގައުމުތަކުގެ ލީޑަރުންގެ މެދުގައި މައުލޫމާތު ބަދަލުކުރެވި ނިންމުންތައް ނިންމުމުގެ ފަހުގެ މަރްޙަލާ މިހާރު ކުރިޔަށްދާކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ޖެނީވާއިން ލިބޭ ޚަބަރުތައް ބުނާގޮތުން އިރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމުގެ އެންމެފަހުގެ ނިންމުން ނިންމެވުމަށް ޓަކައި ދުނިޔޭގެ ބޮޑު ފަސްބާރާއި ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރުން ރޭގެ ވަގުތެއްގައި ވަނީ ޖެނީވާ އަށް ވަޑައިގެންފަ އެވެ. އަދި އީރާނުގެ ވަފްދާނުލައި މިއަދު އެބޭފުޅުން ބައްދަލުކުރައްވައި އެއްބަސްވުމަކަށް އާދެވުނުކަން އިޢްލާކުރުމަށް ބޭނުންވާ އެންމެފަހުގެ ނިންމުންތައް ނިންމަވާނެ އެވެ. އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމުގެ ދާއިމީ އެއްބަސްވުމުގެ ދެލިކޮޕީއާއި އެއާގުޅިފައިވާ އެނެކްސްތައް މުރަޖައާކުރެއްވުމަށް ފަހު މިބޭފުޅުން އެއަށް އާނބަސް ވިދާޅުވުމުން އެއްބަސްވުން ވުޖޫދަށް އައިކަން ބޮޑެތި ބާރުތަކުގެ ފަރާތުން ދުނިޔެއަށް އިޢްލާން ކުރައްވާނީ ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާކަމަށްވަނީ ބެލެވިފަ އެވެ.

އީރާނުގެ ނިއުކްލިޔާ މައްސަލަ ޙައްލުކުރުމުގެ ދާއިމީ އެއްބަސްވުން ވުޖޫދަށް އައުމާ އެކު، އދ. ންނާއި ހުޅަނގުގެ ގައުމުތަކުން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އުވާލުމަށްވަނީ ހަމަޖެހިފަ އެވެ. މިކަމަށް ހޭދަވާނެ މުއްދަތެއް އަދި ސާފުވެފައެއް ނުވެ އެވެ. މިއެއްބަސްވުމާ އެކު އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެތީ އިސްރާއީލުންވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.

އިސްރާއީލަކީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ރޫޅާލައި އީރާނުގެ ނިއުކްލިޔަރ ސައިޓްތައް ބޮންއަޅައިގެން ހަލާކުރުކޮށްލުމަށް ރާވަމުން ގެންދާގައުމެކެވެ. މިކަންވަނީ ޚުދު އިސްރާއީލުން ވެސް އެތައް ފަހަރަކު ހާމަކޮށްފަ އެވެ. އަދި އީރާނުގެ ނިއުކްލިޔާ ސައެންޓިސްޓުން މަރާލުމަށް ޓެރަރިޒަމްގެ އަމަލުތައް ހިންގާ ކަމުގެ ތުހުމަތުވެސް އިސްރާއީލުގެ މައްޗަށްވަނީ ކުރެވިފަ އެވެ.

އިސްރާއީލުގެ އިތުރުން ސައޫދީ އަރަބިޔާވެސްއަކީ ވެސް އީރާނާއި ބޮޑެތި ބާރުތަކާދެމެދު ނިއުކްލިޔާ އެއްބަސްވުމަކާ ހަމައަށް ހިނގައިދާނެތީ ކަންބޮޑުވާކަން ފާޅުކުރަމުން ގޮސްފައިވާ ގައުމެކެވެ. (ނޫސްއެޖެންސީތައް)