މާލޭގެ އެއްނަންބަރު ފާލަން ކައިރީ ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނީ 71 އަހަރު މީހެއް ކަމަށާއި އޭނާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ރޭ ދަންވަރު މޫދުގައި މަރުވެފައި އޮއްވައި ފެނުނީ ގ.ހެންލޮކް 71 އަހަރުގެ، މުހައްމަދު ޖަލީލް ގާސިމް އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ސަން އަށް ވިދާޅުވީ އެ މީހާގެ ހަށިގަނޑަށް ބަލާ އިރު މޫދުގައި އޮތްތާ އެހާ ގިނަ އިރުވެފައިވާ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ގެއްލުމެއް ފެންނަން ނެތް ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އަދި އޭނާއާ މެދު ޝައްކު ކުރެވޭ މައްސަލައެއް ނެތް ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.

"މިހާތަނަށް ބެލިބެލުމުން އޭނަގެ އެއްވެސް ކަހަލަ ޝައްކުކުރެވޭ ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނެތް،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ މަރުވީ ކޮން ސަބަބަކުން ކަމެއް އަދި ނޭނގޭ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ޖަލީލްގެ ހަށިގަނޑު ވަނީ މޫދުން ނަގައިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އޭނާ މަރުވަން ދިމާވި ސަބަބު ސާފުކުރުމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލްއާ ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެފަރާތުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.