07 Mar 2011, 14:01
ތަސްދީގު ނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވެވި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
ދެހާސް ދިހަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގު ކުރެއްވުމަށްޓަކައި ރައިސުލްޖުމްހޫރިއްޔާ އަށް ފޮނުއްވި އިމްތިޔާޒުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ހުށަހެޅުމަށް އެޖެންޑާކޮށްފައި ވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ މައްސަލައެއްގެ ގޮތުގަ އެވެ.
މި މަހުގެ ތިން ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ، އެބިލަށް ގެނައުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ، އިސްލާޙުތައް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދުގެ އަރިހުގައި ވިދާޅުވެފައިވާނެ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒާ ގުޅޭ އެންމެހާ އަސްލުތައް ސަލާމަތް ކުރެއްވޭނެ ގޮތްތައް ވީހާ ވެސް އަވަހަކަށް ހޯއްދަވައި ދެއްވުމަށް ވެސް އެ ބަޔާނުގައި ރައީސް ނަޝީދު އިލްތިމާސް ކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލް މަޖިލީހުން ފާސްކޮށްފައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކަކާއެކުގަ އެވެ. އެ ބިލުން މަޖިލީހުގެ މެންބަރުންނަށް ބޮޑެތި އިމްތިޔާޒުތަކެއް ލިބިދީފައިވާ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ބިލުގައި މެންބަރުންނަށް ލިބިދީފައިވާ ބޮޑެތި އިމްތިޔާޒުތަކާ މެދު ބައެއް ރައްޔިތުން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކަންތައްތަކަށް ބަލާ އިރު، މަޖިލީހުގެ މެންބަރުންނަށް ދޭގޮތަށް ހިމަނާފައިވާ 20،000 ރުފިޔާގެ ކޮމިޓީ އެލަވަންސް އުނި ކުރުމަށް، މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ ހުށަހަޅުއްވާ ގަރާރާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ބިލް ތައާރަފް ކުރުމަށް ވަނީ ހަމަޖައްސައިފަ އެވެ.
ދައުލަތުގެ މުސާރައިގެ އޮނިގަނޑުގައި، މަޖިލީހުގެ މެންބަރުންނަށް 20،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ހިމެނުމާ ގުޅިގެން އެކަމާ ނުރުހުން ފާޅުކޮށް މަޖިލިސް ދޮށަށް އެއްވި އާމުންނާ މަޖިލީހުގެ ބައެއް މެންބަރުންނާ ދެމެދު ވަނީ ވަރަށް ބޮޑު ޒުވާބެއް ހިނގައިފަ އެވެ. އެ މައްސަލައާ ގުޅިގެން އެ އިނާޔަތް ކަނޑާލުމަށް މިއަހަރަށް މަޖިލިސް ހުޅުވުމުން ހުށަހަޅުއްވާނެ ކަމަށް މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.
މާދަމާގެ ޖަލްސާގައި ތިން ބިލެއްގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާކޮށްފަ އެވެ. އޭގެ ތެރޭގައި، ހޯރަފުށީ ދާއިރާގެ އިބްރާހިމް ރަޝީދު ހުށަހަޅުއްވާފައިވާ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި، މާވަށު ދާއިރާގެ އަބުދުލް އަޒީޒު ޖަމާލު އަބޫބަކުރު ހުށަހަޅުއްވާފައިވާ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހްގެނައުމުގެ ބިލު ހިމެނެ އެވެ. އަދި ފަރެސް މާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު ހުށަހަޅުއްވާފައިވާ ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލުގެ އިބުތާއީ ބަހުސް ކުރިއަށް ގެންދިއުމަށް ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.