13 Jul 2015, 02:36
އިނގިރޭސިންގެ އަޅުވެތި ކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ދިވެހިރާއްޖެ އޮތުމަށްފަހު 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހު ރާއްޖެ މިނިވަންވީ އިރު، އެދުވަހު އުފަންވި މީހުން، ރާއްޖެއަށް މިނިވަންކަން ލިބުނުތާ 50 އަހަރު ފުރުން ފާހަގަކުރަން ބާއްވާ ރަސްމީ ޖަލްސާގައި ބައިވެރިކުރާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.
މިނިވަން 50 ޓާސްކް ފޯހުން ރައީސް އޮފީހުގައި މިރޭ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެން ޝަރީފް (މުންދު) ވިދާޅުވީ، އެ ފަރާތްތަކުގެ ލިސްޓެއް ސަރުކާރުން ތައްޔާރުކޮށް އެ ފަރާތްތަކަށް ދައުވަތު އެރުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ މިނިވަން ދުވަހުގެ ހާއްސަ ޖަލްސާއަށް ގިނަ އަދަދެއްގެ ފަރާތްތަކަށް ދައުވަތު އެރުވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެގޮތުން ހާހެއްހާ ފަރާތްތަކަށް ދައުވަތު އެރުވޭނެ ކަމަށެވެ.
"އޭގެ ތެރޭގައި ދައުލަތުގެ އެންމެ މަތީ ޝަރަފު ލިބިވަޑައިގެންފައި ތިއްބެވި ފަރާތްތަކާއި އެހާރާއި މިހާރުގެ ވަޒީރުންނާއި ހަމައެއާއެކުގައި އަޅުގަނޑުމެން އެބަ ދައުވަތު އަރުވަން ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހު އުފަންވި މީހުންނަށްވެސް. އޭގެއިތުރުން ބޭރުގެ ވަރަށް އިއްޒަތްތެރި ފަރާތްތަކަކަށް ވެސް އެބަ ދައުވަތު ދެމު،" މުންދު ވިދާޅުވި އެވެ.
މިނިވަން 50 ގެ ރަސްމީ ޖަލްސާއާ ގުޅޭ ގޮތުން މިރޭ މުންދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
މުންދު ވިދާޅުވީ ބޭރުގެ އިއްޒަތްތެރިންގެ ތެރެއިން 100 އެއްހާ ފަރާތްތައް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އެހެންނަމަވެސް ސަލާމަތީ ސަބަބުތަކަކަށްޓަކައި ރާއްޖެ ވަޑައިގަންނަވާ ބޭރުގެ ފަރާތްތަކުގެ ނަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
މިނިވަން ދުވަހުގެ ހާއްސަ ޖަލްސާ މިއަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އުސްފަސްގަނޑުގަ އެވެ. އަދި ދަރުބާރުގޭގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ދެކަނބަލުން ދެއްވާ ހާއްސަ ޖާފަތެއް އޮންނާނެ އެވެ.
މިނިވަން ދުވަހުގެ ޖަލްސާއަށް އުސްފަސްގަނޑު ތައްޔާރު ކުރުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްގެންދާ ކަމަށް ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބުދުއްސަމަދު އާދީއްތަ ދުވަހު "ސަން" އަށް ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ ގޮތުން މުޅި މާލެ ތެރެ ޒީނަތްތެރިކޮށް ރަސްމީ ހަފުލާ ބާއްވާ ތަން ތައްޔާރު ކުރަމުންދާއިރު ހަރަދު ކުޑަ ކުރުމުގެ ގޮތުން ކަމަށް ބުނެ މިނިވަން ދުވަހުގެ ރަސްމީ ހަފުލާ މިދިޔަ އަހަރު ބާއްވާފައެއް ނުވެ އެވެ.