13 Jul 2015, 00:47
އެމްޑީޕީން ސަރުކާރަށް ހުށަހެޅި ކަންތައްތަކުގެ ތެރެއިން ތިން ކަމެއް ތަންފީޒުވާ މަންޒަރު ވަރަށް އަވަހަށް ފެންނާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީއާ އެކު މިރޭ ބޭއްވި، ދެވަނަ މަޝްވަރާ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ ސިޔާސީ ހަމަޖެހުމަށް އެމްޑީޕީން ހުށަހަޅާފައިވާ ތިން ކަމެއްގެ ނަތީޖާ ވަރަށް އަވަހަށް ފެންނަން ފަށާނެ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަރަށް އަވަހަށް ތަންފީޒުވާނެ ކަމަށް އިބޫ ވިދާޅުވި ތިން ކަންތައް
- ހުކުމް ތަންފީޒުކުރަމުންދާ ބައެއް ސިޔާސީ ބޭފުޅުންނަށް ލުޔެއްދިނުން.
- ސިޔާސީ ހަރަކާތްތަކާ ގުޅިގެން ދައުވާ އުފުލިފައިވާ ސިޔާސީ ބޭފުޅުންނަށް ލުޔެއްދިނުން.
- ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުން.
"މި ތިން ނުކުތާއަށް މިހާރުވެސް ކުރިއެރުން ލިބިފައިވާކަން އަޅުގަނޑަށް މިހާރު ވެސް ގަބޫލު ކުރެވޭ. އަދި އެކަންތައްތައް ތިބޭފުޅުންނަށް މިހާރުވެސް ފެންނަން ފައްޓާނެ. އެހެންވީމާ ވާހަކަތައް ކުރިއަށް ދަނީ އެދެވިގެންވާ ރަނގަޅު މާހައުލެއްގައި. އަދި ނަތީޖާ ނުކުންނަމުންދާކަން ވެސް އަޅުގަނޑަށް ފާހަގަކުރެވޭ،" އިބޫ ވިދާޅުވި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި އިބޫ މައުލޫމާތު ދެއްވަނީ ----- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
އޭނާ ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރޭ އިރު ދިވެހި ރައްޔިތުން ތިބޭނީ ވަރަށް އުފާވެރި މާހައުލެއްގައި ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ޖުލައި 26 ފާހަގަކުރާއިރު ހުރިހާ އެންމެން މިނިވަން ކަމާ އެކީގައި އެ ދުވަސް ފާހަގަ ކުރެވޭނެ މާހައުލެއް ގާއިމު ކުރުން އެއީ އަޅުގަނޑުމެންގެ އަމާޒެއް،" އިބޫ ވިދާޅުވި އެވެ.
ސަރުކާރާއި އެމްޑީޕީއާ ދެމެދު "ހޮޓުލައިނެއް" ގާއިމުކުރުމަށް ވެސް މިރޭގެ ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ.
މަޝްވަރާގައި ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އެފަދަ ހޮޓްލައިނެއް ގާއިމް ކުރީ ކަމެއް ދިމާވެއްޖެ ހާލަތެއްގައި ސަރުކާރާއި އެމްޑީޕީއާ ދެމެދު ފަސޭހައިން ވާހަކަދެކެވޭނެ ފުރުސަތު ހުޅުވާލުމަށް ކަމަށެވެ. އެގޮތުން މިނިސްޓަރު އުމަރާއި އިބޫއާ ދެމެދު ބޭނުން ކޮންމެ ވަގުތަކު ފޯނުން ވާހަކަދެކެވޭނެ އިންތިޒާމް މިރެއިން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.
"އެހެން ހެދީމާ އަޅުގަނޑުމެންނަށް ފަސޭހަތަކެއް ވާނެ. އެއްވެސް ކަހަލަ މިސް އަންޑަސްޓޭންޑިން އެއް އުފެދިއްޖިއްޔާ އަޅުގަނޑުމެން ދެ ފަރާތް ވާހަކަދައްކާލައިގެން އަބަދުވެސް ހަމަޖައްސާ ލެވޭނެ. އަޅުގަނޑުމެންނަށް ހަމަ ނުޖެއްސޭ ވަރުގެ ބޮޑެތި މައްސަލަތަކެއް ނެތް ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެކަމަކު އެއީ މިހާރު އަޅުގަނޑުމެން ދަތުރުކުރާ މަގުގައި މި ދަތުރު ކުރާ ސްޕީޑުގައި މި ހަމަޖެހުމުގައި ދަތުރު ކުރެވިއްޖިއްޔާ،" އުމަރު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ މަޝްވަރާ ބައްދަލުވުންތައް ފެށިއިރަށް ވުރެއް މިއަދު ސިޔާސީ މާހައުލު ފިނި ކަމަށް ސަރުކާރަށް ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
އިބޫ ވިދާޅުވީ މަޝްވަރާ ބައްދަލުވުންތަކުގައި ހުރިހާ ޕާޓީއެއް އެކު އެކީގައި ސަރުކާރާ އެކު އެއް މޭޒަކަށް އެރުމުގެ މުހިންމުކަން މިރޭ ވެސް ފާހަގަކުރެވިގެން ދިޔަ ކަމަށެވެ. އެހެންނަމަވެސް އެއް މޭޒަކަށް ހުރިހާ ޕާޓީއެއް އައުމުގެ ކުރިން ހުރިހާ ޕާޓީއެއް ވެސް ސަރުކާރާ އެކު ވަކިވަކިން ނަމަވެސް މަޝްވަރާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއަށްފަހުގައި އަޅުގަނޑުމެން ބޭނުންވާ ސިޔާސީ މާހައުލު ގާއިމު ކުރެވުނީމާ ހުރިހާ ޕާޓީއެއް އެއް މޭޒެއްގެ ދޮށަށް ގެނައުމުގެ ވިސްނުން ސަރުކާރުގައި ވެސް މިއޮތީ. އަދި އަޅުގަނޑުމެންގެ [އެމްޑީޕީ] ގައި ވެސް މިއޮތީ. މިކަމުގައި ރަނގަޅު ނަތީޖާއެއް ނުކުންނާނީ އޭރުން. އުއްމީދު ކުރެވޭ ހުރިހާ ޕާޓީއަކާ އެކީގައި ސަރުކާރުން މަޝްވަރާ ކުރެވޭނެ ކަމަށް،" އިބޫ ވިދާޅުވި އެވެ.
އެމްޑީޕީ އާއި ސަރުކާރާ ދެމެދު ބާއްވާ ތިން ވަނަ މަޝްވަރާ ބައްދަލުވުން އަންނަ ހަފުތާގެ އަންގާރަ ދުވަހު ބޭއްވުމަށް މިރޭ ވަނީ ނިންމާފައެވެ.