13 Jul 2015, 00:27
ފުވައްމުލަކު ދޫޑިގަން އަވަށުގައި މިރޭ ތިން ސަައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ސަން އަށް ވިދާޅުވީ، ދޫޑިގަން އަވަށުގައި މިރޭ އެކްސިޑެންޓެއް ހިނގިކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، 22:50 ކަންކާއިރު ކަމަށާއި، އެ މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ދިޔަކަމަށެވެ.
އެކްސިޑެންޓްގައި އަނިޔާވި ކުއްޖާއަށް "ސީރިއަސް ޒަޚަމްތަކެއް ލިބިފައި ނެތް" ކަމަށާއި، އެކުއްޖާ އިން ސައިކަލް ދުއްވަން އިނީ 16 އަހަރު ނުފުރޭ، އަދި ލައިސަންސްވެސް ނެތް ކުއްޖެއް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
"އެކްސިޑެންޓްގައި ހިމެނޭ ތިން ސައިކަލްގެ ތެރެއިން އެއް ސައިކަލްގައި ތިބީ 16 އަހަރުގެ 2 ކުދިން. އޭގެތެރެއިން ކުއްޖަކަށް އަނިޔާވީ. އެ ކުއްޖާގެ އަތްފައި ތަންތަން ކުޑަކޮށް މަށައިގެންގޮސްފައި ހުރި، މާކަބޮޑު އަނިޔާއެއް ނުވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. "އަނެއް ދެ ސައިކަލްގައި ތިބީ، ބޮޑެތި ދެމީހުން. އެމީހުންނަށް އެކްސިޑެންޓްގައި އެއްވެސް އަނިޔާއެއް ނުވޭ."
ފުލުހުން ބުނީ، އެމައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.