12 Jul 2015, 23:08
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރަމުންދާ ކަމަށް ބުނެ ދެމީޑިއާ އަކުން ޝާއިއު ކުރި ރިޕޯޓްތަކެއް ޖެންޑާ މިނިސްޓްރީން ދޮގޮކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ދެމަފިރިން މަސްތުގައި ޖެހި ދަރިން ޝިކާރަވެފައި" މި ސުރުހީގެ ދަށުން ސަން އޮންލައިންގައި ޝާއިއު ކުރި ރިޕޯޓާއި މައިން ބަފައިންގެ ޖިންސީ އަދި ޖިސްމާނީ އަނިޔާ ލިބެމުންދާ ފަސް ކުދިން މާލޭގައި މި ސުރުހީގެ ދަށުން ވަގުތު ނޫހުގައި އާއްމުކޮށްފައިވާ މައުލޫމާތު ތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަން އެ މިނިސްޓްރީއަށް އެނގިފައިވާ ކަމަށެވެ.
ނަމަވެސް އެ ދެ ރިޕޯޓްގައި ހިމެނޭ ވާހަކަތަކުގެ ތެރެއިން ހަގީގަތާ ހިލާފީ ސީދާ ކޮން މައުލޫމާތެއް ކަމެއް އެބަޔާނުގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް ފުލުހުން މިއަދު ބޭއްވި ނޫސްކޮންފަރެއްސެއްގައި ބުނީ އެ ކުދީން ދިރިއުޅެނީ އެކަށޭނެ މާހައުލެއްގައި ނޫން ކަމަށާއި އެކަމަކު އެކުދީންގެ ދޮން ބައްޕަގެ ފަރާތުން ޖިންސީ ގޯނާއެއް ނުލިބޭ ކަމަށް ފުލުހުން ބުނެފި އެވެ.
ސަން އަށް މައުލޫމާތުދިން ހަތަރު ފަސް އެކައުންޓަކުން ބުނީ އެކުދީން ވަނީ ނުފޫޒުތަކެއްގެ ޖިންސީ ޝިކާރަކަކަށް ހުށަހެޅިފައިވެސް ކަމަށެވެ.
ފުވައްމުލަކުގައި ކުޑަކުދިންތަކެއް ބައިވެރިކޮށްގެން ހަށި ވިއްކި މައްސަލާގައި ހިމެނޭ 16 އަހަރުގެ ކުއްޖާ ބަނޑުބޮޑު ކަމަށް ރާއްޖޭގެ ބައެއް މެއިންސްޓްރީމް މީޑިއާގައި ފެތުރި ވާހަކަ އަކީ ވެސް ސައްޙަ ނޫން މައުލޫމާތެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި މީޑިއާތަކަށް ޖެންޑާ މިނިސްޓްރީން ގޮވާލާފައި ވަނީ ހައްސާސީ މައްސަލަތައް އާއްމުންނާ ހަމައަށް ގެނެސްދޭ އިރު މުޖުތަމައުގެ ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކުގެ ހައްގާއި ކަރާމަތަށް އުނިކަމެއް ނާންނާނެ ގޮތަށް މައުލޫމާތު ފޯރުކޮށްދިނުމަށެވެ.