ފުވައްމުލަކުގައި ކުޑަ ދެ ކުދިން ލައްވައި ހަށިވިއްކުވި މައްސަލައާ ގުޅިގެން އެކަމުގައި ތުހުމަތު ކުރެވޭ އިތުރު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ "ސަން" އަށް ވިދާޅުވީ މިއަދު ހަވީރުގެ ވަގުތެއްގަ އާއި އިރުއޮއްސުނު ވަގުތު އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިއަދު ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ ފިރިހެނަކާއި 21 އަހަރު އަންހެނެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. މީގެ އިތުރުން ވެސް އެ މައްސަލައާ ގުޅޭ އިތުރު ފިރިހެނެއް ވެސް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި އެވެ.

އޮފިޝަލް ވިދާޅުވީ ފަހުން ހައްޔަރުކުރި ތިން މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން އަންހެން މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ އިރު ދެ ފިރިހެނުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ފުވައްމުލަކުގައި ކުޑަ ދެކުދިން ލައްވައި ހަށިވިއްކުވި މައްސަލައާ ގުޅިގެން މިހާތަނަށް 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭގެތެރެއިން 10 މީހެއްގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ އެ މައްސަލާގައި ޖިންސީ ޝިކާރައަކަށްވެފައިވާ ދެ ކުދިންގެ ތަހުގީގްތަކަށް ބަލާ އިރު އެއްވެސް ކުއްޖަކު ބަނޑުބޮޑު ނޫން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ތިން މީހުންނާއި 21 އަހަރުގެ ދެ މީހުނާއި 41 މީހަކާއި 32 މީހަކާއި 55 އަހަރުގެ މީހެއްގެ އިތުރުން 50 އަހަރުގެ މީހެކެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މިކަމެއް ހިންގާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ތުހުމަތު ކުރެވޭ ގޮތުގައި މިކަމެއް ހިންގަނީ ވިޔަފާރިވެރިން އިސްވެތިބެގެންނެވެ. އެ ކުދިނާއި ބަދުއަހުލާގީ އަމަލު ގިނައިން ހިންގަނީ އެ ރަށު މިސްކިތްމަގުގައި ހުންނަ ގެސްޓް ހައުސް އެއްގަ އެވެ. އެކިރޭ އެކި މީހުންނެވެ.

އެ 10 މީހުން ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. ބެލެވޭ ގޮތުގައި އެމީހުން ހޯދީ ގެސްޓްހައުސްގެ ސީސީޓީވީގެ އެހީގަ އެވެ.

ހަމްދޫން ވިދާޅުވީ އެ މައްސަލާގައި މިދިޔަ ހުކުރު ދުވަހުގެ ރޭ 10 މީހުން ހައްޔަރުކޮށްފައިވާ އިރު މިއަދު އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން އެމައްސަލާގައި ބަލައި ފާސްކުރި ތަންތަނުން ހެކި ފެނިފައިވާ އިރު އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.