ޕަބްލިކް ސާވިސް މީޑިއާގައި މަސައްކަތް ކުރާ ވެރިން ފެންވަރުގެ މީހަކު ކުންފުނީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއްގައި ފިޔަވަޅު އަޅައިފި އެވެ.

ޕީއެސްއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މީގެ ދުވަސްކޮޅެއް ކުރިން ހުށަހެޅުނު ޝަކުވާއަކާގުޅިގެން، ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެކުންފުނިން އުފައްދާފައިވާ ކޮމިޓީއަކުން އެމައްސަލައިގެ މިނިވަން ތަހުގީގެއް ކުރިއަށްގެންގޮސް، ލިބިފައިވާ ހެކިތަކާ ގަރީނާތަކުގެ މައްޗަށް ރިއާޔަތްކޮށް ކޮމިޓީން އެޅެންއޮތް އެންމެ އަދުލުވެރި ގޮތުގައި ފިޔަވަޅު އަޅައި، އެ މުވައްޒަފަށް އަދަބު ދީފައިވަކަމަށެވެ.

"ޕަބްލިކް ސާވިސް މީޑިއާގެ ޝަކުވާ ބަލާ ކޮމިޓީއަކީ ކުންފުނީގެ އެއްވެސް މަސްއޫލުވެރި ފަރާތެއްގެ އަމުރު ނުހިނގާ، މިނިވަންކަމާއެކު މައްސަލަ ބަލައިގަނެ، ތަހުގީގުކޮށް ފިޔަވަޅުއެޅުމުގެ ބާރު ލިބިގެންވާ ކޮމިޓީއެކެވެ،" ޕީއެސްއެމްގެ ބަޔާނުގައި ވެއެވެ.

އެ މައްސަލާގައި ޝަކުވާ ބަލާ ކޮމެޓީން ނިންމި ގޮތާމެދު މައްސަލަ ހުށަހެޅި ފަރާތުން ހިތްހަމަ ނުޖެހޭނަމަ، އެ މައްސަލައާއިގެން ޝަރުއީ މަރުހަލާތަކަށް ދިއުމުގެ ފުރުސަތު އެފަރާތަށް ލިބިގެންވާ ކަމަށް އެ ބަޔާނުގައިވެއެވެ. ނަމަވެސް އެގޮތަށް އެކަން އޮއްވައި މައްސަލަ ހުށަހެޅި ފަރާތުންނާއި ބައެއް މީޑިއާތަކުން ޕީއެސްއެމް ބަދުނާމުވާގޮތަށް ޚަބަރު ފަތުރާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

"މައްސަލަ ހުށައެޅި ފަރާތުންނާއި ރާއްޖޭގެ ބައެއް މީޑިއާތަކުން ޕަބްލިކް ސަރވިސް މީޑިއާ ބަދުނާމުވާގޮތަށް ވަރަށް ހަސަދަވެރި ނިޔަތެއްގައި ދޮގު ޚަބަރު ފަތުރާފައިވާތީ އެކަމާ ހިތާމަކުރަމެވެ،" ޕީއެސްއެމްގެ ބަޔާނުގައި ވެއެވެ.

ޕީއެސްއެމް އިން ބުނީ އެ ދޮގު ޚަބަރާ ގުޅިގެން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޝަރީއަތަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.

"މި ދޮގު ޚަބަރާ ގުޅިގެން މަޢުނަވީ ގޮތުންނާއި، މާއްދީގޮތުން މިކުންފުންޏަށް ލިބިފަައިވާ ގެއްލުމުގެ ބަދަލު ޝަރުޢީ މަރުހަލާ މެދުވެރިކޮށް ހޯދުމަށް، މި ދޮގު ޚަބަރު ފެތުރި ފަރާތްތަކާ ދެކޮޅަށް މި ކުންފުނިން މައްސަލަ ހުށަހަޅާނޭ ވާހަކަވެސް ދަންނަވަމެވެ،" ޕީއެސްއެމްގެ ބަޔާނުގައި ވެއެވެ.

ޕީއެސްްއެމްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާގެ މާހައުލުގެ އިތުބާރު ދަމަހައްޓައިދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ބުންޏެވެ.