މައިލޯ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގައި މި މަހުގެ ތިން ވަނަ ދުވަހު ކުޅެމުން ދަނިކޮށް ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ކުރިއަށް ނުގެންދެވިގެން ހުއްޓާލި މާޒިޔާ އާއި މޭލޭ ވެޓަރަންސް މެޗް މިއަދު އަލުން ކުޅޭ ގޮތަށް ހަމަޖެހިފައި އޮއްވައި މާޒިޔާ މެޗަށް ހާޒިރު ނުވުމުން މަލޭ ވެޓަރަންސް މޮޅުވިކަމަށް ނިންމުމުން އެޓީމް ސެމީއަށް ދަތުރުކޮށްފިއެވެ.

ކުޅިވަރު އެކުވެނީގެ ޓާފުދަނޑުގައި ކުޅެން ހަމަޖެހިފައިވާ މެޗަށް މާޒިޔާ ހާޒިރު ނުވިއިރު، މިދިޔަ ހުކުރު ދުވަހު ވެލެންސިއާއާ ދެކޮޅަށް ކުޅެން އޮތް މެޗަށްވެސް އެޓީމް ހާޒިރެއް ނުވެއެވެ.

މިމަހުގެ ތިން ވަނަ ދުވަހު ކުޅެމުންދިޔަ މެޗްގައި ހަމަނުޖެހުން ހިންގީ މެޗް ނިމެން ދެމިނެޓަށް ވެފައިވަނިކޮށެވެ. އޭރު މާޒިޔާއިން އޮތީ މާލޭ ވެޓަރަންސްގެ މައްޗަށް 2-0 ނަތީޖާއަކުން ކުރި ހޯދާފައެވެ.

އެމެޗްގައި ހަމަނުޖެހުން ހިނގީ މާޒިޔާގެ ކުޅުންތެރިޔެއްގެ ފަޔަށް މާލޭ ވެޓަރަންސް ކުޅުންތެރިޔަކު ޓެކުލު ކުރުމުން މާޒިޔާގެ ގޯލް ބަލަހަންޓަން ހުރި މުޙައްމަދު ސިނާން (ނާނި) ގޮސް މާލޭ ވެޓަރަންސް ކުޅުންތެރިޔާއަށް ޓެކުލު ކުރުމުންނެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އިން މައްސަލަ ބެލުމަށް ފަހު ނިންމާފާއި ވަނީ ނާނި ފަސް މެޗަށް ސަސްޕެންޑްކޮށް 5000 ރުފިޔާ އިން އިން ޖޫރިމަނާ ކުރުމަށެވެ.

އަދި މި މައްސަލަ ހިނގައި ދިޔުމަށް ފަހު މާޒިޔާގެ އޮފިޝަލުންނާއި ސަޕޯޓަރުން ދަނޑަށް އަރައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި ބައިވެރިވުމުން އެ ކުލަބު ވެސް 8،000 ރުފިޔާ އިން ޖުރިމަނާ ކުރުމަށް އެފްއޭމްގެ ޑިސިޕްލިނަރީ ކޮމިޓީ އިން ވަނީ ނިންމާފަ އެވެ.

މުބާރާތުގެ ސެމީފައިނަލް މެޗްތައް އަންނަ އަންގާރަ ދުވަހު ކުޅެން ހަމަޖެހިފައިވާއިރު ހުރިހަ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރުއެވެ.

ކުޅިވަރު އެކުވެނީގެ ޓާފު ދަނޑު އެކެއްް ގައި ކުޅެން ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ ވެލެންސިއާ އާއި މޭލޭ ވެޓަރަންސްއެވެ.

ކުޅިވަރު އެކުވެނީގެ ޓާފު ދަނޑު ދޭއް ގައި ކުޅެން ހަމަޖެހިފައިވާ އަނެއް ސެމީ ފައިނަލް މެޗްގައި ބައްދަލުކުރަނީ ބީޖީއާއި ސޮކަ ވެޓަރަންސް އެސޯސިއޭޝަންއެވެ.

ދެމެޗްވެސް ފެށޭނި ހަވިރު 4:45 ގައެވެ.