12 Jul 2015, 16:45
ނ. މާޅެންދޫ ވައިޓްހައުސް އަހްމަދު މިރުޒާ މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހުންގެ ތެރެއިން ދެމީހުންގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅި ހެކީންގެ ހެކިބަސް ނަގައި ނިންމާލައިފިއެވެ.
ދެ ހާސް އެގާރަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ހަވީރު 5:45 އެހާކަންހާއިރު ވިލިމާލޭ ކުޑަކުދިންގެ ޕާކް ކައިރީގައި ހުއްޓައި ލަކުޑިބުރިން ހަމަލާދީ މިރުޒާ މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ޏ. ފުވައްމުލައް ޒާވިއާ އަބްދުﷲ ނަސީފާއި ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއުގެ އިތުރުން ގދ. ގައްދޫ ބޮކަރުގޭ އަލީ ރިފްޝާންގެ މައްޗަށެވެ.
އެމީހުންގެ ތެރެއިން މުހައްމަދު ޝިފާއުގެ ދިފާއުގައި ތިން މީހަކު ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދީފަ އެވެ.
ޝިފާއުގެ ފަރާތުން ހުށަހެޅި ތިން ހެކިން ކަމަށްވާ އަހުމަދު ހުޝާމް އާއި އަބްދުލްހަކީމް އަދި މުހައްމަދު ޖިނާހުވެސް ބުނެފައި ވަނީ އެ ހާދިސާ ހިނގި ދުވަހުގެ ހަވީރު 4:00 އެހާކަންހާއިރުން ފެށިގެން މަޣްރިބް ނަމާދަށް ބަންގި ގޮވަން ދެން އެމީހުންނާއެކު ޝިފާއު ވިލިމާލޭ ފުޓު ބޯޅަ ދަނޑުގައި ކުޅެން ހުރި ކަމަށެވެ. އަދި އެވަގުތުތަކުގައި ދަނޑުން ފައިބައިގެން ޝިފާއު އެއްވެސް ތާކަށް ގޮސްފައި ނުވާކަމަށް ހެކިން ވަނީ ބުނެފަ އެވެ.
އެމައްސަލާގައި ދައުވާ ލިބޭ މީހުންގެ ތެރެއިން ޝިފާއު ފިޔަވައި އިތުރު އެހެން މީހަކު އެދުވަހު ދަނޑުގައި ކުޅެން ނެތް ކަމަށް ޝިފާއުގެ ފަރާތުން ހުށަހެޅި ހެކިން ވަނީ ބުނެފަ އެވެ.
އެމައްސަލާގައި ދައުވާ ލިބޭ އަބްދުﷲ ނަސީފުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސްވެސް މިއަދު ވަނީ ނަގާ ނިންމާފަ އެވެ. ނަސީފުގެ ފަރާތުން ހުށަހެޅި ތިން ހެކީންގެ ތެރެއިން އަލީ އަޝްރަފު ބުނީ މިރުޒާގެ މަރުގެ ހާދިސާ ހިނގި ދުވަހުގެ ހަވީރު 5:00 ގައި ވިލިމާލެއިން މާލެއަށް ދަތުރު ކުރި ފެރީގައި ނަސީފު އޭނާއާ އެކު މާލެ ގޮސްފައިވާ ކަމަށެވެ.
އަދި އެދެމީހުންވެސް ދިޔައީ އެއްކޮށް ކަމަށާއި ފެރީން ފައިބައިގެން ޓެކްސީއަކަށް އަރައިގެން ދެމީހުންވެސް ދިޔައީ ރަނބާ ރެސްޓޯރެންޓަށް ކޮފީއަކަށް ކަމަށް އަޝްރަފު ބުންޏެވެ. އިރުއޮއްސި 6:45 ވަންދެން ރާނބާ ރެސްޓޯރެންޓުގައި ކޮފީ ބޯން ތިބި ކަމަށްވެސް އަޝްރަފު ވަނީ ބުނެފަ އެވެ.
އަޝްރަފުގެ އިތުރުން އެދުވަހު އެމްޓީސީސީގެ 5:00 ގެ ފެރީ ދުއްވަން އިން ޔޫސުފް ތޯހާ އާއި އެމީހުން އެރިކަމަށް ބުނާ 1919 ގެ ޓެކްސީ ޑްރައިވަރު އާޒިމް އަލީ އަދި ރާނބާ ރެސްޓޯރެންޓުގައި ކޭޝިއަރަކަށް އުޅުނު ކަމަށް ބުނާ ޔޫސުފް މޫސާ ވެސް ވަނީ ނަސީފުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހަޅާފަ އެވެ.
އަޝްރަފު ފާހަގަކުރި ގޮތަށް އެގަޑި ތަކުގައި އެތަން ތަނުން ނަސީފު ފެނިފައިވާ ކަމަށް އެ ތިން މީހުން ވެސް ހެކިބަސް ދެމުން ވަނީ ބުނެފަ އެވެ.
އެމައްސަލާގައި ދައުވާ ލިބޭ އަލީ ރިފްޝާން ބުނެފައި ވަނީ އޭނާގެ ފަރާތުން އެއްވެސް ހެއްކެއް ހާޒިރު ކުރަން ބޭނުން ނުވާ ކަމަށެވެ.
މައްސަލާގައި ދިފާއުގައި ހުށަހަޅާފައިވާ ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިމުމުން މެޑިކޯލީގަލް ރިޕޯޓާ ބެހޭގޮތުން ވާހަކަ ދެއްްކުމަށް ދެފަރާތަށްވެސް ވަނީ ފުރުސަތު އަރުވާފަ އެވެ.
ޝިފާއު އާއި ނަސީފުގެ ވަކީލު ޖައުފަރު ރަޝީދު ވިދާޅުވީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އަހުމަދު މިރުޒާގެ މެޑިކޯ ލީގަލް ރިޕޯޓަކީ ސައްޚަ ރިޕޯޓެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެއީ ރިޕޯޓުގައި ރިޕޯޓު ތައްޔާރު ކުރި ހޮސްޕިޓަލުގެ ތައްގަނޑު ނެތުމުން ކަމަށް ވަކީލު ޖައުފަރު ރަޝީދު ވިދާޅުވި އެވެ.
އިސްގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ މިހާތަނަށް ކްރިމިނަލް ކޯޓުގައި ކަންކުރަމުން އައި އުސޫލަށް ބަލާއިރު ފޯމުތަކުގައި ތައްގަނޑު ޖަހަން ޖެހޭ ގޮތަށް ނިންމާފައި ނުވާކަމަށެވެ. އެހެން ނަމަވެސް ދިފާއީ ވަކީލުގެ އެވާހަކަ އަބްދުﷲ ގާޒީ ވަނީ ބަލައިގެންފައެވެ.
ކްރިމިނަލް ކޯޓުގެ ކަންކަން އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅުވެގެން ދަނީ ވަކީލުން ފާހަގަކުރާ އެފަދަ ކަންކަމުގެ ސަބަބުން ކަމަށްވެސް އިސްގާޒީ ވިދާޅުވިއެވެ.
މެޑިކޯ ލީގަލް ރިޕޯޓާ ބެހޭގޮތުން ސުވާލުކުރުމަށް އައިޖީއެމްއެޗް ގެ ބޭފުޅަކު ދެން އޮއްނަ ޝަރީއަތުގެ މަޖިލީހަކަށް ހާޒިރު ކުރާނެ ކަމަށްވެސް އަބްދުﷲ ގާޒީ ވިދާޅުވި އެވެ.