12 Jul 2015, 16:58
ރާއްޖެއާއި ލަންކާގެ ހިއްސާގެ ބާޒާރުގައި، ދެގައުމުގައި އެއްކޮށް ހިއްސާ ވިއްކޭނެ އުސޫލެއް ގާއިމްކޮށްފި އެވެ.
އެގޮތަށް އެ އުސޫލު ގާއިމްކޮށްފައި ވަނީ ލަންކާގެ މައި ހިއްސާގެ ބާޒާރު ކަމަށްވާ ކޮލަމްބޯ ސްޓޮކް އެކްސްޗޭންޖް (ސީއެސްއީ)އާ އެކު މިދިޔަ ހުކުރު ދުވަހު ސޮއިކުރި އެމްއޯޔޫއެއްގެ ދަށުންނެވެ. އެ އެމްއޯޔޫގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއޭ) ގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސީއީއޯ ހަސަން މަނިކެވެ. ސީއެސްއީ ގެ ފަރާތުން ސޮއިކުރެއްވީ އެ ތަނުގެ ސީއީއޯ ރަޖީވާ ބަންޑާރަނައިކަ އެވެ.
އެ އެމްއޯޔޫގެ ދަށުން މައިގަނޑު ދެ ފުރުސަތެއް ހިއްސާގެ ބާޒާރުގައި ވަނީ ފަހިވެފަ އެވެ. އެއީ ދެ ގައުމުގައި އެއްކޮށް ހިއްސާ ވިއްކުމާއި އެއް އުސޫލުތަކެއްގެ ދަށުން ދެ ގައުމުގެ ހިއްސާގެ ބާޒާރު ރެގިއުލޭޓް ކުރުމެވެ.
އެގޮތުން އެއް ގައުމުގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްގެން އަނެއް ގައުމުގައި ވެސް ހިއްސާ ވިއްކުމުގެ ފުރުސަތު ލިބެއެވެ. އެހެންކަމުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުންފުނިތަކަށް ވެސް އެމްއެސްއީގައި ނުވަތަ ސީއެސްއީން ކުރެ ކޮންމެ ވެސް އެއް ބާޒާރެއްގައި ލިސްޓުކުރުމުން ދެ ބާޒާރުގައި ވެސް އެއްކޮށް ހިއްސާ ވިއްކޭނެ އެވެ. އަދި މިހާރު ހިއްސާ ވިއްކާ ކުންފުނިތަކަށް ވެސް އެ ފުރުސަތު އޮންނާނެ އެވެ.
އެގޮތަށް ނިންމާފައިވާ އިރު ރާއްޖޭގެ ހިއްސާގެ ބާޒާރުގައި މިހާރު ލިސްޓުކޮށްފައިވަނީ ހަ ކުންފުންޏެވެ. އެއީ ސަރުކާރުގެ ހިއްސާއެއް އޮންނަ އެމްޓީސީސީ އާއި ބީއެމްއެލް އާއި އެސްޓީއޯ އާއި އެމްޓީޑީސީ އާއި ދިރާގުގެ އިތުރުން ލަންކާގެ އިންޝުއަރެންސް ކުންފުނި، އަމާނާ ތަކާފުލްގެ ރާއްޖޭގެ ގޮތްޕެވެ.