12 Jul 2015, 17:23
ބަޔާން މިޔުނިކްގެ ޖަރުމަން މިޑްފީލްޑާ ބަސްޓިއަން ޝްވައިންސްޓައިގާއާއި އިޓަލީގެ ގައުމީ ޓީމްގެ ޑިފެންޑާ މަޓޭއޯ ޑާމިއަން މެންޗެސްޓާ ޔުނައިޓެޑާ ގުޅޭ ގޮތަށް ހަމަޖެހިފައިވާކަމަށް އެޓީމުން ބުނެފިއެވެ.
ޔުނައިޓެޑްގެ މިހާރުގެ ކޯޗް ލުއިސް ވެންހާލްގެ އިރުޝާދުގެ ދަށުން ކުޅެފައިވާ ޝްވައިންސްޓައިގާ ޔުނައިޓެޑަށް ބަދަލުވިއިރު އޭނާ ޔުނައިޓެޑާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އޭނާ ޔުނައިޓެޑްގައި ހޭދަ ކުރާ ތިން އަހަރުގެ މުއްދަތުގައި މުސާރައިގެ ގޮތުގައި ހަފުތާއަކު 140،000 ޕައުންޑް ދޭން ޔުނައިޓެޑުން އެއްބަސްވެފައިވާ ކަމަށް އިނގިރޭސި މީޑިއާތައް ބުނެއެވެ.

ބަސްޓިއަން ޝްވައިންސްޓައިގާ: އޭނާ ވަނީ ބަޔާން މިޔުނިކް ދޫކޮށް ޔުނައިޓެޑަށް ބަދަލުވެފައި --- ފޮޓޯ/ ގެޓީ އިމޭޖަސް
ބަޔާންގެ އެއްބަސްވުމުގައި އެއް އަހަރު ބާކީ އޮއްވައި އެކުލަބުން ޝްވައިންސްޓައިގާ ދޫކޮށްލީ 15 މިލިއަން ޕައުންޑްގެ ޓްރާސްފާގެ އަގަކަށެވެ.
ޝްވައިންސްޓައިގާ ޔުނައިޓެޑަށް ބަދަލުވެފައިވާއިރު އެކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން އޭނާގެ ކުރީގެ ކުލަބު ބަޔާން މިއުނިކްގެ ޗީފް އެގްޒެކެޓިވް ކާލް ހެންޒް ރުމޭނިގާ ވިދާޅުވީ ޝްވައިންސްޓައިގާ އަކީ ބަޔާންއަށް ބޭނުންތެރި ކުޅުންތެރިޔެއް ކަމަށާއި ނަމަވެސް ކެރިއާ ނިމޭއިރު ތަފާތު ތަޖުރިބާއެއް ހޯދުމަށް ޝްވައިންސްޓައިގާ ބޭނުންވާ ކަމަށެވެ.
މިދިޔަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕް ކަމިޔާބު ކުރި ޖަރުމަންގެ ކޯޗް ޖޯކިމް ލޯ ބުނީ ޝްވައިންސްޓައިގާ އަކީ ފާހަގަ ކުރެވޭ ލީޑަރެއްގެ އިތުރުން ދުނިޔޭގެ އެންމެ މަތީފަންތިގައި ހިމެނޭ ކުޅުންތެރިޔެއް ކަމަށާއި ކުޅޭ ކޮންމެ ޓީމެއްގައިވެސް އޭނާ ތަރިއަކަށް ވާނެ ކަމަށެވެ.
ޝްވައިންސްޓައިގާ ޔުނައިޓެޑަށް ބަދަލުވާނެ ކަމުގެ ޔަގީންކަން ޔުނައިޓެޑުން ދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އިޓަލީގެ ޓޮރީނޯއިން ވަނީ އެކުލަބުގެ ޑިފެންޑަރު މަޓޭއޯ ޑާމިއަންވެސް އަގަކަށް ޔުނައިޓެޑަށް ބަދަލުވާނެ ކަމަށް އިއުލާންކޮށްފައެވެ.
ޓޮރީނޯ ދޫކޮށް ޑާމިއަން ޔުނައިޓެޑަށް ބަދަލުވުމުން ޓޮރިނޯއިން ނެރެފައިވާ ބަޔާނެއްގައި އެކުލަބުގެ ރައީސް އާބެނޯ ކައިރޯ ވިދާޅުވެފައި ވަނީ ޓޮރީނޯގައި ހުރެގެން އެޓީމް ޑޮމިނޭޓްކޮށް ދައްކައިދިން ފުޓްބޯޅައިގެ ޕްރޮފެޝަނަލިޒަމްއަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ.
ޓޮރީނޯއިން ޑާމިއަން ޔުނައިޓެޑަށް ދޭން އެއްބަސްވީ 12.7 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ޑާމިއަން ޔުނައިޓަޑްގެ ޖޮޒީގައި --- ފޮޓޯ/ މެންޗެސްޓާ ޔުނައިޓަޑް
ޔުނައިޓެޑުން ނެރެފައިވާ ބަޔާނެއްގައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ޑާމިއަން އެޓީމަށް ސޮއިކޮށްފައިވާ ކަމަށެވެ.
އޭނާއާއެކު ވެވުނު އެއްއެއްބަސްވުމުން އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހުވެސް އިތުރު އަހަރަކަށް އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް ވެސް ޔުނައިޓެޑުން ބުންޏެވެ.
ޔުނައިޓެޑަށް ސޮއިކުރުމަށްފަހު ޑާމިއަން ބުނެފައިވަނީ އެކްލަބަށް ދެވުމަކީ އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށާއި އަދި ލުއިސްވެންހާލް ފަދަ ކޯޗަކާއެކު މަސައްކަތް ކުރުމަކީ އޭނާއަށް ވަރަށް ޚާއްސަ ކަމެއްކަމަށެވެ.
މެންޗެސްޓާ ޔުނައިޓެޑުން ވަނީ ޓްރާނސްފާ ޕީރިއަޑްގައި އެޓީމަށް ހޮލެންޑްގެ ޕީއެސްވީ އެންދޯވަން އަށް ކުޅެމުންގެންދާ ފޯވާޑް މެންފިސް ޑިޕާއީ ގެނެސްފައެވެ.

މެންފިސް ޑިޕާއީ އާ (ވ) އާއި ޔުނައިޓެޑްގެ ކޯޗް ލުއިސްވެންހާލްއާއެކު ޔުނައިޓެޑްގެ ޖޯޒީ ދައްކަލަނީ --- ފޮޓޯ/ މެންޗެސްޓާ ޔުނައިޓޑް
ޔުނައިޓެޑުން ވަނީ ސައުތުހެމްޓަނަށް ކުޅެމުންގެންދާ ފްރަންސްގެ މިޑްފީލްޑާ މޯގަން ސްނައިޑްލިން ޔުނައިޓެޑަށް ގެންނަން މަސައްކަތްކޮށްފައެވެ.
ނަމަވެސް ސައުތުހެމްޓަންގެ މެނޭޖަރު ހޮލެންޑްގެ ކުރިގެ މަޝްހޫރު ކުޅުންތެރިޔާ ރޮނަލްޑް ކޫމަން ވަނީ ޔުނައިޓެޑުން ހުށަހަޅާފައިވާ އަގު ކުޑަކަމަށް ބުނެ އެއަގު ބަލައި ނުގެންފައެވެ.

މޯގަން ސްނައިޑްލިން: ޔުނައިޓެޑުން ހުށަހެޅި އަގު ކުޑަ ކަމށް ބުނެ އެޓީމުން ސައުތުހެމްޓަނުން ވަނީ އޭނާ ދޫކޮށްލަން ދެކޮޅު ހަދާފައި --- ފޮޓޯ/ ޓޯޓަލް ފުޓްބޯލް
ސްނައިޑްލިން ހޯދުމަށް ޔުނައިޓެޑުން ހުށަހާލާފައިވަނީ 25 މިލިއަން ޕައުންޑެވެ. ނަމަވެސް ސައުތުހެމްޓަނުން ބުނެފައިވަނީ އޭނާ ދޫކުރާނީ 27 މިލިއަން ޕައުންޑަށް ކަަމަށެވެ.
ޔުނައިޓެޑުންވަނީ ޕްރީސީޒަން ޓްރެއިންއަށް މާދަމާ އެމެރިކާއަށް ފުރުމަށް ނިންމާފައެވެ.