12 Jul 2015, 15:52
މާފަންނުކޮޅު ގެއެއްގައި އުޅޭ ފަސް ކުދިން އުޅެމުންދަނީ އެކަށޭނަ މާހައުލެއްގައި ނޫން ކަމަށާއި ނަމަވެސް އެކުދިންނަށް ބައްޕަގެ ފަރާތުން ޖިންސީ ގޯނާއެއް ނުލިބޭ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ހުޅަނގު އުތުރު ފަރާތުގައި ހުންނަ ގެއެއްގައި އުޅޭ ކުޑަ ފަސް ކުދިންނާ ގުޅޭގޮތުން ކުރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ އެމައްސަލައަކީ ފުލުހުން ބަލަމުން އަންނަ މައްސަލައެއް ކަމަށާއި ކުދިންތިބީ ރައްކާތެރި މާހައުލެއްގައި ނޫން ކަމަށެވެ. އެކަން ރަނގަޅުކުރަން އަންގާފައިވާކަމަށާއި ކުދިންގެ ބައްޕަގެ ފަރާތުން ކުދިންނަށް ޖިންސީ ގޯނާއެއް ލިބިފައިވާ ކަން މިހާތަނަށް އެނގެން ނެތް ކަމަށް ހަމްދޫން ވިދާޅުވިއެވެ.
އެތަނުން ކުއްޖަކާ ބައްޕަ ޖިންސީ ގޯނާކުރާ ކަމަށް އެކުދިންގެ މަންމަ ބުނާ މައްސަލައާ ގުޅިގެން ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ހަމްދޫން ވިދާޅުވީ އެއީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ވުމުން ތަފްސީލެއް ދެވެން ނެތް ކަމަށެވެ.
"އަޅުގަނޑުމެން އިތުރަށްވެސް މިދަނީ ކުރެވުނު ތުހުމަތުތަކާއި އިތުރަށް އުޅޭ ކަންކަން ބަލައި ތަހުގީގު ކުރަމުން." ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް ހަމްދޫން ވިދާޅުވިއެވެ.

ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު-- ސަން ފޮޓޯ: އަލީ ނަސީރު
ސަން އަށް އެނގިފައިވާގޮތުގައި އެ ފަސް ކުދިން އުޅެނީ ވަރަށް ހާލުގައެވެ. އެކުދިން ދިރިއުޅޭ ގެއިން ފެންކަނޑާލާފައިވާއިރު ކާން ލިބެނީ އަވައްޓެރިން ދީފިއްޔާއެވެ.
އެމައްސަލަ މިހާރު ދަނީ ޖެންޑާ މިނިސްޓުރީއިން ބަލަމުންނެވެ. އެގޭ ސާފް ކުރުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށް އެބަދެއެވެ. އެކުދިންނަކީ މީގެ ކުރިންވެސް ޖެންޑާ މިނިސްޓުރީގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކެކެވެ.