އދ. މަޖިލިސް (ޖުލައި 12): ނެދަލެންޑްސްއިން މެލޭޝިޔާ އަށް ދަތުރުކުރަނިކޮށް މިދިޔަ އަހަރުގެ ޖުލައިމަހު ވައްޓާލި މެލޭޝިޔާ އެއާލައިންގެ އެމްއެޗް 17 ފްލައިޓްގެ މައްސަލަ ތަހުގީގްކުރުމަށް ބައިނަލްއަގްވާމީ ކޯޓެއް އުފެއްދުމަށް ގޮވާލާ ގާރާރެއްގެ ދެލިކޮޕީ މެލޭޝިޔާއިން އދ. ގެ ސަލާމަތީ މަޖިލީހަށް ފޮނުވައިފިއެވެ.


މިދޔަ އަހަރުގެ ޖުލައިމަހުގެ 17 ވަނަ ދުވަހު ނެދަލެންޑްސްގެ އެމްސްޓަޑަމްއިން ފުރައިގެން މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރަށް ދަތުރުކުރަނިކޮށް އެބޯޓު ވައްޓާލާފައިވަނީ ޔުކްރޭންގެ ތެރެއިން ފޮނުވާލި ރޮކެޓަކުންކަމަށް ޔުކްރޭނުންނާއި އެމެރިކާއިން ބުނެއެވެ.

ނަމަވެސް ހަނގުރާމަވެރިން މިކަމަށް އިންކާރު ކުރެއެވެ. އަދި ރަޝިޔާއިންވެސްވަނީ މިތުހުމަތުތައް ގަބޫލުކުރުމަށް ދެކޮޅު ހަދާފައެވެ. މި ހާދިސާގައި އެބޯޓުން ދަތުރުކުރި 298 މީހުން ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ އެބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނެވެ.

މެލޭޝިޔާގެ ބޯޓު ވެއްޓުނުއިރު އުދުހެމުންދިޔައީ ޔުކްރޭންގެ އިރުމަތީގައި ރަޝިޔާއަށް ތާއީދުކުރާ ހަނގުރާމަވެރިންގެ ކޮންޓްރޯލް ސަރަހައްދެއްގެ މަތިންކަމަށްވެއެވެ.
މެލޭޝިޔާއިން ސަލާމަތީ މަޖިލީހަށް ހުށަހަޅާ ގަރާރު ގޮވާލަނީ އެމްއެޗް 17 ވައްޓާލި ހާދިސާ ތަހުގީގްކުރުމަށާއި އެކަމުގައި ޒިންމާ އުފުލަންޖެހޭ ފަރާތްތަކާ ދެކޮޅަށް ޖިނާއީ ދައުވާ ކުރުމަށްޓަކައި އެކަމަށް ޚާއްސަ އދ. ގެ ޓްރައިބިއުނަލެއް (ކޯޓެއް) އުފެއްދުމަށެވެ. މިއީ އދ.ގެ ޗާޓަރުގެ ހަތް ވަނަ ޗެޕްޓަރުގެ ދަށުން އުފައްދާ ކޯޓެއްކަމަށްވެސް މެލޭޝިޔާގެ ގަރާރު ބުނެފައިވެއެވެ.


މެލޭޝިޔާގެ ގަރާރުގެ ދެލިކޮޕީ ސަލާމަތީ މަޖިލީހުގެ މެންބަރުންނަށް މިހާރު ބަހާފައިވާއިރު ރަޝިޔާއިންވަނީ މިގަރާރަށް އެގައުމުން ދެކޮޅުހަދާކަން ހާމަކޮށްފައެވެ. އދ. ގައި ހުންނަވާ ރަޝިޔާ މަންދޫބުގެ ވިޓާލީ ޗޯރުކިންގެ އެހިތެރިޔާ ޕެޓަރ އިލިޗޭފް ވިދާޅުވީ މިއީ ކޯޓެއް އުފައްދަންޖެހޭވަރުގެ މައްސަލައެއްނޫން ކަމުގައެވެ. އަދި މިގަރާރާ ދެކޮޅަށް ރަޝިޔާ މަސައްކަތްކުރާނެކަންވެސް އޭނާ ހާމަކުރެއްވިއެވެ.

އޭނާ ވިދާޅުވިގޮތުގައި މިބޯޓު ވެއްޓުމަށް މެދުވެރިވި ސަބަބު ހޯދުމުގެ ތަހްގީގުތަކެއް މިހާރުވެސް ކުރިޔަށްދާއިރު އެތަހުގީގްތަކުގެ ނަތީޖާ ލިބުމުގެ ކުރިން މިމައްސަލަ ސަލާމަތީ މަޖިލީހަށް ވެއްދުމަށް ރަޝިޔާ ދެކޮޅު ހަދާކަމުގައެވެ.


އދ. ގެ ނަމުގައި ޚާއްސަ ކޯޓެއް ހެދޭނީ ސަލާމަތީ މަޖިލީހުން އެކަމާބެހޭ ގަރާރެއް ފާސްކޮށްގެންނެވެ. ރަޝިޔާއަކީ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ގައުމަކަށްވާތީ ރަޝިޔާ ދެކޮޅު ހަދައި ވީޓޯގެ ބާރުގެ ބޭނުންކޮށްފިނަމަ މިގަރާރު ސަލާމަތީ މަޖިލީހުން ފާހެއް ނުވާނެއެވެ. އަދި ކޯޓެއްވެސް ނުހެދޭނެއެވެ. (ނޫސްއެޖެންސީތައް)