07 Mar 2011, 12:49
ސޯޝަލް ލިބެރަލް ޕާޓީ (އެސްއެލްޕީ) އިން އިލެކްޝަންސް ކޮމިޝަނާ ބައްދަލު ކުރަން އެދުމުން ކޮމިޝަންގެ ރައީސް ފިޔަވައި އެހެން މެންބަރުން ސޯޝަލް ލިބަރަލް ޕާޓީގެ އިސް ފަރާތްތަކާ ބައްދަލެއް ނުކުރެއްވި އެވެ.
ސޯޝަލް ލިބަރަލް ޕާޓީން ވާހަކަފުޅު ދެއްކެވި އިބްރާހިމް އިސްމާއިލް (އިބުރާ) މިއަދު ވިދާޅުވީ އޭނާގެ ޕާޓީން ފަސް މެންބަރުން ހިމެނޭ ވަފުދަކުން އިލެކްޝަންސް ކޮމިޝަނާ ބައްދަލު ކުރަން އެދުނީ އެ ޕާޓީން ކަން ބޮޑުވާ މައްސަލަތަކެއް ހުރުމުން އެކަންކަމުގެ މައްޗަށް ކޮމިޝަނާ އެކު ހިއްސާ ކުރުމަށް ބޭނުންވެގެން ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެސްއެލްޕީން ކޮމިޝަނާ ބައްދަކޮށް ޝަކުވާ ހުށަހަޅަން ބޭނުންވީ ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ، ދިން އިރު ސިޔާސީ ޕާޓީތަކުގެ މަގުސަދު ހާސިލުވާ ގޮތަށް މަސައްކަތް ނުކުރާ ޕާޓީތަކުގެ ތެރޭގައި އެސްއެލްޕީ ހިމެނި ކޮމިޝަނުން ފައިސާ ނުދޭ ގޮތަށް ނިންމުމުން އެކަމާ ހިތްހަމަ ނުޖެހިގެނެވެ.
~
ނަމަވެސް އިބްރާ ވިދާޅުވީ ކޮމިޝަނަށް ފައިސާއާ ބެހޭ އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާނެ ކަމަށެވެ. ހަމައެކަނި ވަޑައިގަތީ ކަންބޮޑުވާ މައްސަލަތަކެއްގައި މަޝްވަރާކުރުމަށް ކަމަށެވެ. އެގޮތަށް އެދުމުން ވެސް ކޮމިޝަންގެ ރައީސް ފިޔަވައި އެހެން މެންބަރުން ބައްދަލު ނުކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަޝްވަރާ ކުރަން ދިޔައީ ޒިންމާދާރު ގޮތުގައި ސިޔާސީ ހަރަކާތްތައް ނުހިންގާ ކަމަށް ބުނެ ފޮނުވި ސިޓީއަކާ ގުޅިގެން އެއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް. އެކަމާ ގުޅގެން ކޮމިޝަނަށް ގުޅީ. އޭގެ ފަހުން ކޮމިޝަންގެ އެޕޮއިންޓްމަންޓަކަށް ދިޔައިމަ ރައީސް ފިޔަވައި އެހެން ބޭފުޅުން ވަޑައެއް ނުގެންނެވި، މިދެން ވަރަށް ވިޔާނުދާކޮށް ހިނގާ ކޮމިޝަނެއް،" އެޑްވައިޒާ ޓްދަ ޕްރެޒިޑެންޓްގެ މަގާމު ފުރުއްވަވާ އިބުރާ ވިދާޅުވި އެވެ. "ކޮމިޝަންގެ ރައީސް ވިދާޅުވި ތިޔަ މައްސަލަތައް ގަބޫލު ކުރައްވަމޭ އެކަމަކު ކޮމިޝަނުންނޭ ގޮތެއް ނިންމާނީ،"
ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ މިދިއަ ހަފުތާގައި އެސްއެލްޕީން ކޮމިޝަނާ އެކު މަޝްވަރާ ކުރަން ހުށަހެޅުމުން ބޭއްވި ބައްދަލުމަށް ކޮމިޝަންގެ އެހެން މެންބަރުން ވަޑައި ނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާއާ އެކު އެސްއެލްޕީ އެދުވަހު ހިއްސާ ކުރެއްވި ވާހަކަތަކުގެ ތެރޭގައި ޕާޓީގެ އޯޑިޓް ރިޕޯޓުގެ މައްސަލަ އާއި ފައިސާގެ މައްސަލަ ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އެ ވާހަކަތަކުގެ މާ ބޮޑު ތަފުސީލެއް އޭނާ ނުދެއްވި އެވެ.