12 Jul 2015, 15:33
ފުވައްމުލަކުގައި ކުޑަ ދެކުދިން ލައްވައި ހަށިވިއްކުވި މައްސަލާގައި ހިމެނޭ 14 އަހަރާއި 16 އަހަރުގެ ދެ ކުދިންގެ ތެރެއިން އެއްވެސް ކުއްޖަކު ބަނޑުބޮޑު ނޫން ކަމަށާއި އެ މައްސަލާގައި އިތުރު މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ކުޑަކުދިންތަކަކަށް މަސްތުވާތަކެތިދީ، ގިނަ ބަޔަކު ބައިވެރިވެގެން، ފުޅާ ދާއިރާއެއްގައި ފައިސާ އަށް ހަށި ވިއްކުވައި، ބްލެކް މެއިލް ކުރަމުން ދިޔަ މައްސަލާގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަންގެ ސުވާލަކަށް ޖަވާބު ދެއްވަމުން ކުރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ އެ މައްސަލާގައި ޖިންސީ ޝިކާރައަކަށްވެފައިވާ ދެ ކުދިންގެ ތަހުގީގްތަކަށް ބަލާ އިރު އެއްވެސް ކުއްޖަކު ބަނޑުބޮޑު ނޫން ކަމަށެވެ.
އެ މައްސަލާގައި މިދިޔަ ހުކުރު ދުވަހުގެ ރޭ 10 މީހުން ހައްޔަރުކޮށްފައިވާ އިރު މިއަދު އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. ފުލުހުން އެމައްސަލާގައި ބަލައި ފާސްކުރި ތަންތަނުން ހެކި ފެނިފައިވާ އިރު އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"މިމައްސަލާގައި އިތުރަށް ބަލަން ޖެހޭ ތަންތަން ބެލުމާއި ހައްޔަރުކުރަން ޖެހޭ މީހުން ހައްޔަރު ކުރުމުގެ މަސައްކަތް އަޅުގަނޑު މިއިންޓަވިއު ދެމުންދާއިރު ވެސް ކުރިއަށްދޭ." ހަމްދޫން ވިދާޅުވި އެވެ.
މިހާތަނަށް ހައްޔަރު ކޮށްފައިވާ މީހުންނަކީ 20 އަހަރާއި 55 އަހަރާއި ދެމެދުގެ މީހުން ކަމަށާއި އޭގެ ތެރެއިން ފަސް މީހުންނަކީ މަސްތުވާތަކެއްޗާއި ތޫނު ހަތިޔާރު މާރާމާރީ ހިންގުމާއި ވައްކަމާއި ބަދުއަހުލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މިކަމެއް ހިންގާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ތުހުމަތު ކުރެވޭ ގޮތުގައި މިކަމެއް ހިންގަނީ ވިޔަފާރިވެރިން އިސްވެތިބެގެންނެވެ. އެ ކުދިނާ ބަދުއަހުލާގީ އަމަލު ގިނައިން ހިންގަނީ އެ ރަށު މިސްކިތްމަގުގައި ހުންނަ ގެސްޓް ހައުސް އެއްގަ އެވެ. އެކިރޭ އެކި މީހުންނެވެ.
ހަމްދޫން ވިދާޅުވީ އެމައްސަލަ ފުލުހުންނަށް ހުށައެޅުނީ މިމަހު ފަސް ވަނަ ދުވަހު ކަމަށާއި އެދުވަހުން ފެށިގެން ފުވައްމުލަކު ޕޮލިސް ސުޓޭޝަންއިން އެމައްސަލަ ތަހުގީގް ފެށި އިރު އެމައްސަލަ ސީރިއަސް ވުމުން މިމަހު ނުވަވަނަ މާލެއިން ފުވައްމުލަކަށް ޓީމެއް ގޮސް އިތުރަށް ބަލަން ފަށާފައިވާ ކަމަށެވެ.