މެކްސިކޯގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ގޭންގެއްގެ ވެރިއެއް ކަމަށް ބެލެވޭ ޖޯގިން ގުޒްމަން އެގައުމުގެ ޖަލަކުން ދެވަނަ ފަހަރަށް ފިލައިފި އެވެ.

އެންޓިޕްލާނޯ ފެޑެރަލް ޕްރިޒަން ނަމަކަށް ކިޔާ ޖަލުގައި ބަންދުކޮށްފައި ހުރި ގުޒްމާން ފިލިކަން އެނގުނީ އެޖަލުގެ ގަވައިދުން ފާސްކުރާ ފާސްކުރުމަށް ޖަލުގެ ގާޑުން އިއްޔެ ދިއުމުން ކަމަށް މެކްސިކޯގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެން ބުންޏެވެ.

ގުޒްމަން އަކީ ދުނިޔޭގައި މިހާތަނަށް ހިންގާފައިވާ ޑްރަގް ޓްރެފިކް ކުރުމުގެ އެންމެ ނުރައްކާތެރި އަދި ވަރުގަދަ އޮޕަރޭޝަންތަކުގައި އެންމެ އިސްކޮށް ހުރި ކަމަށް ބެލެވޭ މީހާ އެވެ.

އޭނާ މެކްސިކޯގެ ޖަލަކުން 2001 ވަނަ އަހަރު ފިލީ ލޯންޑްރީ ކާޓެއް ބޭނުންކޮށްގެންނެވެ. އަދި އޭގެ ފަހުން އޭނާ ހައްޔަރުކޮށް އަލުން ޖަލަށް ލާފައި ވަނީ މިދިޔަ އަހަރު އެވެ.