މ. ޝައިނިންގސްޓާ އަހުމަދު ރިޟުވާން އަބްދުﷲ ގެއްލުނު މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރުކުރި އެއްވެސް މީހަކާ ރިޟްވާން ގެއްލުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހު ހަތް ވަނަ ދުވަހުގެރެއިން ފެށިގެން ރިޟްވާން އަށް ވީނުވީއެއް ނޭނގި ގެއްލުނުތާ އަހަރެއް ވާން ކައިރިވެފައިވަނިކޮށެވެ.

ފުލުހުން މިއަދު ބުނީ 2014 ވަނަ އަހަރުގެ އޯގަސްޓް 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަށް އެއް އަހަރުވާން ގާތްވެފައިވީ ނަމަވެސް، ރިޟުވާން ހޯދުމަށާއި އޭނާގެ ގެއްލިފައިވާ މައްސަލައިގެ ތަހުގީގު އަދިވެސް ހުއްޓާ ނުލައި ކުރިޔަށް ގެންދާ ކަމަށެވެ.

ފުލުހުން ބުނީ އެއްސަލާގައި ތަހުގީގަށް ލިބޭ މަޢުލޫމާތަށް ބިނާކޮށް އެ މައްސަލަ އާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ އެހެން މައްސަލަތައް ވެސް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ރިޟްވާން ގެއްލުނު ކަމަށް ބެލެވޭ، އޯގަސްޓް ހަތް ވަނަ ދުވަހުގެރޭ ހުޅުމާލޭގައި ހިނގި ކަމަށް ބުނާ ހާދިސާ އާ ގުޅޭ ތިން ކާރެއް ބަލައި ފާސްކޮށް އެއިން ސާމްޕަލްނަގައި ފޮރެންސިކް ތަހުލީލު ކުރުމަށް ރާއްޖެ އިން ބޭރަށް ފޮނުވައި އޭގެ ބައެއް ތަހުލީލުތަކުގެ ނަތީޖާ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެ ރިޕޯޓް ދިރާސާކޮށް ބެލިބެލުމުން، ކާރުން ނަގާފައިވާ ސާންޕަލްތަކުން މައިޓޮކޮންޑްރިއަލް ޑީއެންއޭ ތަހުލީލުކުރުމުން، މައިޓޮކޮންޑްރިއަލް ޑީއެންއޭ ޕްރޮފައިލްތަކެއް ލިބިފައިވީ ނަމަވެސް، 2014 އޯގަސްޓް ހަތް ވަނަދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި ކަމަށް ބުނާ ހާދިސާ އާ ރިޟުވާން އާ ގުޅުން އޮތްކަން ކަށަވަރުކަމާއެކު ބުނެވެން ނެތްކަން ވަނީ ފާހަގަ ކުރެވިފައި ކަމަށެވެ. އަދި ހަމައެހެންމެ މި މައްސަލައިގެ ތުހުމަތުގައި މީގެކުރިން ހައްޔަރު ކުރި އެއްވެސް މީހަކާ ގުޅުމެއްވާ ކަމުގެ ހެއްކެއް އެ ތަހުލީލުތަކުން، ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ރިޟްވާން ގެއްލިގެން މިވީދުވަސްތަކުގައި، އެމައްސަލާގައި ލިބުނު މަޢުލޫމާތަށް ބަލާއިރު އޭނާ ދުނިޔޭގައި ނެތްކަމުގެ އެއްވެސް ނިޝާނެއް ފެންނާން ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެފަދަ މަޢުލޫމާތެއް އެއްވެސް ފަރާތަކުން ފުލުހުންނާ ހިއްސާ ކޮށްފައި ވެސް ނުވާ ކަމަށެވެ.

އެމައްސަލައިގެ ތަހުގީގައި މިހާތަނަށް 198 މީހަކާ ސުވާލުކޮށް މަޢުލޫމާތު ހޯދައި 80 އަށްވުރެ ގިނަ މީހުންގެ ތަހުގީގު ބަޔާން ވަނީ ނަގާފައި ކަމަށް ފުލުހުން ބުނެ އެވެ. ހުޅުމާލޭގައި ރިޟްވާން އުޅުނު އެޕާޓްމަންޓުގެ ވަށައިގެންވާ ފްލެޓްތަކާއި އެޕާޓްމަންޓްތަކުގައި އުޅޭ ގިނަ ބައެއްގެ ފަރާތުން މަޢުލޫމާތު ހޯދައި އެއްކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ރިޟްވާން ހޯދުމަށާއި މައްސަލަ ތަހުގީގުކުރުމުގެ މަސައްކަތުގައި މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތައް ހިމެނޭ ގޮތުން 30 އަށްވުރެ ގިނަ ތަންތަނުން 293 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް ހޯދައި އެތަކެތި ދިރާސާކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. މީގެ އިތުރުން އެހެނިހެން މާއްދީ ހެކިތައް ހޯދައި އެތަކެތި އެނަލައިޒް ކޮށްފައިވާ ކަމަށާއި ހުޅުމާލޭގެ އާންމު ހުރިހާ ސަރަހައްދަކާއި ބަންދުކޮށްފައި އޮންނަ ސަރަހައްދުތަކާއި ސިނާޢީ މަސައްކަތްކުރާ ސަރަހައްދުތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. ހުޅުމާލެއިން 50 އަށް ވުރެ ގިނަ ތަންތަން ކޯޓުއަމުރުގެ ދަށުން ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ރިޟްވާން އަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލަ އާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް އަދި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެ މަޢުލޫމާތާއި ތަކެތި ފުލުހުންނާ ހިއްސާކޮށް އެމަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ފުލުހުންގެ ތަހުގީގަށް ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ މައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ހުއްޓާލާނީ ރިޟްވާން އާބެހޭ ސައްހަ މަޢުލޫމާތު އިތުބާރު ހުރިގޮތެއްގައި ފުލުހުންނަށް ލިބި އެކަމާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށް ވެސް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެކަމަށް ކިތަންމެ ދުވަހެއް ހޭދަވެގެންދިޔަސް ފުލުހުން އެމައްސަލަ ތަހުގީގު ކުރުން ހުއްޓައި ނުލާނެ ކަމަށެވެ.

ފުލުހުން އަދި ބުނީ ރިޟްވާން ހޯދުމަށް ކުރާ މަސައްކަތަކީ 2014 ވަނައަހަރު ފުލުހުންގެ ތަހުގީގު ޓީމުތަކުން އެންމެ ބޮޑު އިސްކަމެއްދީ އެންމެ ގިނަ ވަގުތު އެކަމަށް ހޭދަކޮށްފައިވާ އެއް މައްސަލަ ކަމަށެވެ.