ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތައް ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާ މެދު ފުލުހުންގެ މުހިއްމު ޑިޕާޓްމަންޓްތަކުގެ މެދުގައި މަޝްވަރާކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކާ ގުޅޭ ގޮތުން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން ފުލުހުންގެ ކަމާ ގުޅުން ހުރި ޑައިރެކްޓްރޭޓްތަކާއި ކޮމާންޑްތައް އަދި ޑިޕާޓްމަންޓްތައް ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ބުނީ އެކަމާ ގުޅިގެން ކުރެވެން ހުރި ކަންކަމުގެ މަސައްކަތް ޢަމަލީ ގޮތުން މިއަދު ފަށާފައިވާ ކަމަށެވެ.

މިއަދު ކުރިއަށް ދިޔަ މަޝްވަރާ ބައްދަލުވުމުގައި ވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާ އިތުރުވެ، ޢާއްމުވެފައިވާ މިންވަރު އަންގައިދީ ހޯދިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޑައިރެކްޓަރޭޓް އޮފް އިންޓަލިޖެންސްގެ ކްރިމިނަލް އިންޓެލިޖެންސް ޑިޕާރޓްމަންޓްގެ ފަރާތުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްއާއި ހިއްސާކޮށްފައިވާ ރިޕޯޓަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި އެވެ.

"ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސުން މިފަދަ ރިޕޯރޓެއް އެކުލަވަލިލުމުގެ މަޤްސަދަކީ ކުޑަކުދިންނަށް ޖިންސީ ގޮތުން އަނިޔާކުރާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި، މި ޢަމަލު ހުއްޓުވުމާއި އަދި ތަކުރާރުކޮށް މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅު އެޅުމާއި އެކު، ކުޑަކުދިންނަށް ލިބިދޭން ޖެހޭ ހައްގުތައް ހޯދައިދިނުމުގައި ފުލުހުންނާއި ގާނޫނު ތަންފީޒުކުރާ އެހެނިހެން އިދާރާތަކުން ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތަކުރުމެވެ." ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މިންވަރު ކަންބޮޑުވާ ދަރަޖައަކަށް ގޮސްފައިވާތީ އެކަމާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އެޅުން މުހިއްމު ކަން ފާހަގަކޮށްފައިވާ ކަމަށެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކާ ގުޅޭ ގޮތުން ފުލުހުން މަޝްވަރާ ކޮށްފައިވާ އިރު ކުޑަކުދިންތަކަކަށް މަސްތުވާތަކެތިދީ، ގިނަ ބަޔަކު ބައިވެރިވެގެން، ފުޅާ ދާއިރާއެއްގައި ފައިސާއަށް ހަށި ވިއްކުވައި، ބްލެކް މެއިލް ކުރަމުން ދިޔަ މައްސަލައެއްގައި މިދިޔަ ހުކުރު ދުވަހު ޏ. ފުވައްމުލަކުން ވަނީ 10 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

އަދިވެސް ފުލުހުން ދަނީ އެކަމުގައި ހަރަކާތްތެރިވާ އިތުރު ބަޔަކު ތިބިތޯ ބެލުމުގެ މަސައްކަތް ކުރަމުން ނެވެ.