ރާއްޖޭގެ މިނިވަން ދެމެހެއްޓޭނީ ދުނިޔޭގެ އެހެން ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުންތައް އިތުރަށް ވަރުގަދަކޮށްގެން ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓިކް މުޖުތަމައުގެ އެހެން ބޭފުޅުންނަށް ބަނޑޮސް އައިލެންޑް ރިޒޯޓްގައި އިއްޔެ ބޭއްވެވި ރޯދަ ވީއްލުމެއްގައި ވާހަކަފުޅު ދައްކަވަމުން ދުންޔާ ވިދާޅުވީ ރާއްޖޭގެ ކުރިއަށް އޮތް ޖީލުތަކަށް މުސްތަގުބަލް ބައްޓަން ކޮށްދެވޭނީ ގުޅުންތައް ވަރުގަދަ ކޮށްގެން ކަމަށެވެ.

"...ސަރުކާރުން ގަބޫލު ކުރަނީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓޭނީ ދުނިޔޭގެ އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުންތައް ވަރުގަދަކޮށްގެން ކަމަށް. އެފަދަ ގުޅުންތައް އޮންނަން ޖެހޭނީ އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރާ، އެއްބަޔަކު އަނެއް ބަޔަކަށް އިތުބާރުކުރާ އެއްބައެއްގެ ފަރާތުން އަނެއް ބަޔަކަށް ފައިދާ ކުރާ ގުޅުންތަކަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަނާ އަދި ވިދާޅުވީ އިންޑިއާ ކަނޑުގައި އެކަހެރިކޮށް އޮތް ގައުމެއްގެ ހައިސިއްޔަތުން ރާއްޖެ ޒަމާނީ ކުރުމަށް މަޝްރޫއުތައް ހިންގުމުގައި ހާރިޖީ ސިޔާސަތުގެ މިނިވަންކަން އޮތުމުގެ މުހިއްމުކަން އޭރު ބޮޑުވަޒީރަކަށް ހުންނެވި އިބުރާހީމް ނާސިރު ދެނެވަޑައިގެންނެވި ކަމަށެވެ. އެގޮތުން 1965 ވަނަ އަހަރު ލިބުނު މިނިވަން ކަމަކީ ބައިވެރިންގެ ގޮތުގައި ގައުމުތައް އިހުތިޔާރު ކުރުމާއި ކުރިއަށް ދާނެ މަގު އަމިއްލައަށް ކަނޑައެޅުމުގެ މިނިވަން ކަން ކަމަށެވެ. އަދި އޭގެ ފަހުން ރާއްޖޭގައި ވެރިކަން ކުރި ސަރުކާރުތަކުން މަސައްކަތް ކޮށްފައި ވަނީ އޭރު ލިބުނު މިނިވަންކަން ދެމެހެއްޓުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް ކުރީގެ ރައީސް އަދި ދުންޔާގެ ބައްޕާފުޅު މައުމޫނު ޢަބުދުލް ޤައްޔޫމުގެ ވެރިކަން ނިމުނު ފަހުން އެ މިނިވަންކަން ދިފާއު ކުރުމުގައި ރާއްޖޭން ކޮންމެވެސް ވަރަކަށް ފަހަތަށް ޖެހުނުކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

"... އަޅުގަނޑުމެން ފެނުނީ ރައީސް އަމީން ދީދީއާއި ރައީސް ނާސިރާއި ރައީސް މައުމޫނު އަށަގެންނެވި ގައުމު ބިނާކުރުމުގެ އުސޫލުތައް ކޮމްޕްރޮމައިޒް ކުރުމަށް މާބޮޑަށް ތައްޔާރަށް ތިބި ބައެއްގެ ގޮތުގައި، ރައީސް ޔާމީނު ގަދަ އަޅުއްވައި މަސައްކަތް ކުރައްވަނީ އެ އުސޫލުތައް އަލުން އަށަގެންނެވުމަށް،" ދުންޔާ ވިދާޅުވި އެވެ.