07 Mar 2011, 11:27
ގާނޫނު އަސާސީ އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަމަށް ވިދާޅުވެ އެއްވެސް ސިޔާސީ ނުފޫޒެއްގައި ނުބެދި އެ މަސައްކަތަށް ނުކުތުމަށް ޓަކައި މޯލްޑިވްސް ނެޝަނަލް ކޮންގްރެސް [އެމްއެންސީ]ގެ ރައީސް ކަމުންނާއި އެ ޕާޓީގެ މެންބަރު ކަމުން މުހައްމަދު ނައީމް [މޮނާޒާ ނައީމް] މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެމްއެންބީސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޮނާޒާ ނައީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން މިހާރު ހަދަމުންދާ ގާނޫނުތަކުގައި ގާނޫނު އަސާސީއާ ފުށުއަރާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި ގާނޫނު އަސާސީ އިސްލާހު ކުރުމުގައި ކުރިން އިސް ދައުރެއް އަދާކުރެއްވިކަން ފާހަގަ ކުރައްވަމުން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ގާނޫނު އަސާސީ އިތުރަށް ފުރިހަމަކޮށް، އެ ގާނޫނު އަސާސީއާ ތައާރަޒްވާ ގާނޫނުތައް އުވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
"މިއަދު މި ގައުމު މިހާރު އޮތް ހާލަތުން އިތުރު މަރުހަލާ އަކަށް ގެންގޮސް ގާނޫނު އަސާސީ އިތުރަށް ފުރިހަމަ ކުރަން ޖެހޭތީ އަޅުގަނޑު ޕާޓީގެ މެންބަރުކަމާއި އަދި ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެން،" ނައީމް ވިދާޅުވި އެވެ.
ނައީމް ވިދާޅުވީ ގާނޫނު އަސާސީ އެމީހަކު ހިތަށް އެރި ގޮތަކަށް މާނަ ކުރަމުންދާއިރު އެ ގާނޫނު އަސާސީއާ ތައާރަޒްވާ ގާނޫނުތައް އުވާލުމުގައި މަސައްކަތް ކުރަން ޖެހޭނީ އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ. އަދި އަމިއްލަ ޕާޓީން އިސްތިއުފާ ދެއްވީ އެއްވެސް ސިޔާސީ ނުފޫޒެއްގައި ނުބެދި އެ މަސައްކަތް ކުރެއްވުމަށް ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.
އެމްއެންސީ އިން އިސްތިއުފާ ދެއްވަނީ އެމްޑީޕީއާ ގުޅުމަށް ކަމަށް ވާހަކަ ދެކެވޭ ކަމަށް ނޫސްވެރިއަކު ސުވާލު ކުރުމުން ނައީމް ވިދާޅުވީ އެމްޑީޕީއާ ގުޅުމުގެ ފިކުރެއް މިވަގުތަކު ނެތް ކަމަށެވެ. އެކަމަކު އެމްޑީޕީއަކީ ފިކުރެއް ކަމަށާއި އަބަދުވެސް އެމްޑީޕީގެ ފަރާތުން ހިތްވަރު ލިބިގެން މަސައްކަތް ކުރައްވަމުން ދިޔަ ވާހަކަ ނައީމް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ސަރުކާރުގެ އިސް މަގާމުތަކުގައި އޭނާއާ އެކު އެމްއެންސީގެ ތިން ބޭފުޅުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.
އެމްއެންސީ އިން މޮނާޒާ ނައީމް އިސްތިއުފާ ދެއްވާފައި މި ވަނީ ކޮންމެ އަހަރަކު ވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ އެ ޕާޓީ އަށް ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ފަހުންނެވެ. ކޮމިޝަނުން އެ ޕާޓީ އަށް ފައިސާ ނުދިނުމަށް ނިންމާފައި ވަނީ ޕާޓީގެ އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާތީ އާއި ރިޕޯޓް ހުށަނޭޅުމުން ދައްކަން ޖެހޭ ޖޫރިމަނާ ދައްކާފައި ނުވާތީ އެވެ.