ސެމްސަންގް އިން ނެރެމުން އަންނަ އެންޑްރޮއިޑް ޕަވާޑް ފެބްލެޓް ފޯނު ސީރީޒް "ނޯޓް"ގެ ގެލެކްސީ ނޯޓް ފައިވް، އަންނަ މަހު ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

އޮންލައިން ނޫހެއް ކަމަށްވާ "މެޝެބަލް" އިން ބުނީ ލިބިފައިވާ ރިޕޯޓުތަކަކުން ދޭހަވާ ގޮތުގައި ނޯޓް ފައިވް ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ މެދުތެރޭގައި ކަމަށެވެ. އެއީ އާންމުކޮށް ސެމްސަންގް އިން އެ ފޯނު ނެރޭ ހިސާބެއް ނޫނެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި އާންމުކޮށް އޮކްޓޯބަރު ހިސާބުގައި ނެރެމުން އަންނަ އެ ފެބްލެޓް ފޯނު މިފަހަރު އަވަސް ކޮށްފައި ވަނީ އެޕަލް ކުންފުނީގެ އައު ފޯނަށް ވުރެ ކުރިން ނެރުމަށް ޓަކަ އެވެ. އެގޮތުން އެޕަލްގެ އައު ފޯނާ ވާދަ ކުރަން ނުޖެހޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެޕަލް ކުންފުނީގެ ފަހުގެ ފޯނު ބާޒާރަށް ނެރުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގަ އެވެ. ސެމްސަންގް އިން އެ ކުންފުނީގެ ގެލެކްސީ ނޯޓު ސީރީޒްގެ އައު އުފެއްދުން ދައްކަމުން އަންނަނީ ސެޕްޓެމްބަރު މަހު ބާލިންގައި ބާއްވާ އައިއެފްއޭ ކޮންޒިއުމާ އިލެކްޓްރޯނިކްސް އެންޑް އެޕްލައިއެންސެސް ޓްރޭޑްޝޯގަ އެވެ.

ގެލެކްސީ ނޯޓް ފައިވްގެ އެއްވެސް މައުލޫމާތެއް އަދި ޔަގީން ވެފައެއް ނުވެ އެވެ. ނަމަވެސް އެކި ލީކްތަކާއި ތުންތުން މަތިން ދެކެވޭ ވާހަކަތަކުން އެނގޭ ގޮތުގައި އެ ފެބްލެޓް ފޯނަކީ 5.7 އިންޗީގެ ކްވޮޑްއެޗްޑީ ރެޒޮލިއުޝަން ޑިސްޕްލޭ ފޯނެކެވެ. އޮކްޓަކޯ އެގްޒިނޯސް ޕްރޮސެސާއެއް އިންނަ އެ ފޯނުގެ ޑިސްޕްލޭ ހުންނާނީ ގެލެކްސީ އެސް ސިކްސް އެޖްގެ ޑިސްޕްލޭ ފަދައިން "ކާވްޑް" ކޮށް ކަމަށް ވެސް ލީކުތަކުން ބުނެ އެވެ.