12 Jul 2015, 12:57
މައްކާ (ޖުލައި 12) : ސައޫދީ އަރަބިޔާގެ ކުރީގެ ޚާރިޖީ ވަޒީރު ސައޫދުލް ފައިސަލްގެ ޖަނާޒާ ބާއްވައި އޭނާގެ ހަށިކޮޅު ފަސްދާނު ލައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސައޫދުލް ފައިސަލް އަވަހާރަވީ ދިގު މުއްދަތެއްގައި އާލާސްކަންފުޅުގައި ހޭދަކުރެއްވުމަށް ފަހު އެމެރިކާގަ އެވެ. އެމެރިކާ އިން ފައިސަލްގެ ހަށިކޮޅު ޖިއްދާގެ ކިންގް އަބްދުލްއަޒީޒް އެއަޕޯޓަށް ގެނަސްފައި ވަނީ ސައޫދީ ޚާއްސަ މަތިންދާބޯޓެއްގައެވެ. ސައޫދުލްފައިސަލްގެ ޖަނާޒާގައި އިސްކޮށް ހުންނެވީ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އެވެ.
މިރަސްމިއްޔާތުގައި ސައޫދީ ސަރުކާރުގެ އިސް މަސްއޫލުވެރިންނާއި ވެރިކަންކުރާ ޝާހީ ޢާއިލާގެ އިސްމަސްއޫލުވެރިންގެ އިތުރުން ގަލްފުގެ އަރަބި ގައުމުތަކުގެ ބައެއް އިސްލީޑަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. މިޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވި ގަލްފުގެ އިސްވެރިންގެ ތެރޭގައި ކުވައިތުގެ އަމީރު އައްޝައިޚް ސަބާޙުލްއަހްމަދާއި ޔޫއޭއީއާއި ބަހްރައިންގެ ޚާރިޖީ ވަޒީރުން ހިމެނިވަޑައިގެންނެވި އެވެ. މީގެ އިތުރުން މިސްރާއި އުރުދުންއާއި ތުރުކީގެ ޚާރިޖީ ވަޒީރުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ސައުދުލް ފައިސަލްގެ އާލާސްކަންފުޅާ ގުޅިގެން ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވަނީ މިދިޔަ އެޕްރީލް މަހު އޭނާ ސައޫދީ ޚާރިޖީ ވަޒީރުކަމުގެ މަގާމުން ރަސްގެފާނުގެ މުސްތަޝާރު ކަމުގެ މަގާމަށް ބަދަލުކުރައްވާފަ އެވެ. ސައޫދުލް ފައިސަލް އަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް ފަހުގެ ތާރީޚެއްގައި އެންމެ ގިނަދުވަހު ޚާރިޖީ ވަޒީރުކަން ކުރެއްވި ޝަޚްސިއްޔަތެވެ. އޭނާ ވަނީ 1975 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2015 ވަނަ އަހަރުގެ އެޕްރީލް މަހުގެ 29 ވަނަ ދުވަހާ ހަމައަށް ސައޫދީ ޚާރިޖީ ވަޒީރުކަން ކުރައްވާފަ އެވެ.
ސައޫދުލް ފައިސަލް އަކީ ސައޫދީ ކުރީގެ ރަސްކަލެއް ކަމަށްވާ ފައިސަލް ބިން އަބްދުލްއަޒީޒް ގެ ދެވަނަފިރިހެން ދަރިކަލުންނެވެ. ސައޫދުލް ފައިސަލް އަވަހާރަވި އިރު އޭނާގެ އުމުރުފުޅަކީ 75 އަހަރެވެ. އޭނާ އަވަހާރަވީ ކޮންބާވަތެއްގެ އާލާސްކަންފުޅެއްގައިކަން ސައޫދީ ރަސްކަމުގެ ދީވާނުން ހާމަކޮށްފައެއް ނުވެ އެވެ. ސައޫދުލް ފައިސަލްގެ މައްޗަށް ކަށުނަމާދުކޮށްފައި ވަނީ މައްކާގެ ހަރަމްފުޅު ކަމަށްވާ މާތްވެގެންވާ މަސްޖިދުލްޙަރާމް ގައެވެ. (އަލްއަރަބިއްޔާ)