ރާއްޖެ އަށް 2013 ވަނަ އުދުހެން ފެށި އެއާލައިނެއް ކަމަށްވާ "ކެތޭ ޕެސިފިކް" އިން ހޮންކޮންގައި ރާއްޖެ ޕްރޮމޯޓްކޮށް، އެ ގައުމުން ފަތުރުވެރިން އަންނަ އަދަދު އިތުރުކުރުމަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އޮންލައިންކޮށް ފްލައިޓް އަދި ތަފާތު ދަތުރުތައް ބުކް ކުރުމުގައި މަޝްހޫރު ކެތޭ ޕެސިފިކުން ޕްރޮމޯޝަން ކުރިއަށް ދަނީ އެ އެއާލައިންގެ ވެބްސައިޓް މެދުވެރިކޮށެވެ.

ކެތޭ ޕެސިފިކްގެ ރާއްޖޭގެ މެނޭޖަރު އެޑަމް ވޯންގް "ސަން" އަށް ވިދާޅުވީ އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަނަކީ، އޮގަސްޓް ސީޒަން އާއި ދިމާކޮށް ކޮންމެ އަހަރަކު ވެސް ގިނަ ފަތުރުވެރިންތަކެއް ރާއްޖެ އަށް އަންނަ އިރު، ހޮންކޮންގް އިން އަންނަ ފަތުރުވެރިންގެ އަދަދު މިހާރަށް ވުރެ އިތުރުކުރުން ކަމަށެވެ.

ކެތޭ ޕެސިފިކްގެ ރާއްޖޭގެ މެނޭޖަރު އެޑަމް ވޯންގް ސަން އަށް އިންޓަވިއުދެއްވަނީ ----- ސަން ފޮޓޯ/ އަލީ ނަސީރު

އެގޮތުން ކެތޭ ޕެސިފިކްގެ ވެބްސައިޓު މެދުވެރިކޮށް، ފަތުރުވެރިން އަންނަން ބޭނުންވަނީ ރާއްޖެއަށް ކަން އެންގުމުން ވެބްސައިޓުން އެކަމަށް ހަރަދުވާ އަގުތަކުގެ މައުލޫމާތު ފެންނާނެ އެވެ. ރާއްޖެއަށް އައުމަށް ފަހު ހާއްސަކޮށް ކުރެވިދާނެ ކަންކަން އަދި ދެވިދާނެ ތަންތަން ކެތޭ ޕެސިފިކުން ވަނީ ވެބްސައިޓުގައި އަންގައިދީފަ އެވެ.

"ފަތުރުވެރިން އަންނަނީ މާލެއަށްކަން ސެލެކްޓް ކުރީމަ ސައިޓުން ފެންނާނެ ދަތުރާގުޅޭ ރިސޯޓްތައް. މިސާލަކަށް ހަނީމޫން، ފެމިލީ ފަން މިކަހަލަ ދަތުރުތަކަށް އެންމެ އެކަށީގެންވާ ތަންތަން ދައްކުވައިދޭނެ. އޭގައި އަޅުގަނޑުމެން ހިމަނާފައިވާނެ ރާއްޖެއާބެހޭ ތަފާތު މައުލޫމާތުތައް،" އެޑަމް ވޯންގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޮންކޮންގް އަކީ ކެތޭ ޕެސިފިކްގެ "މެއިން ހަބަށް"ވާއިރު، ކެތޭ ޕެސިފިކްގެ ވެބްސައިޓް މެދުވެރިކޮށް ފަތުރުވެރިންނަށް ރާއްޖޭގެ މައުލޫމާތުތައް ފޯރުކޮށްދިނުމުން ރާއްޖެއަށް އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އޮގަސްޓް މަހާ ދިމާކޮށް ކެތޭ ޕެސިފިކުން މި ޕްރޮމޯޝަން ފަށާފައިވާ އިރު، އޮގަސްޓް މަހަކީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު އިތުރުވާ މަހެކެވެ.