12 Jul 2015, 12:38
މައިލޯ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގައި މިމަހުގެ ތިން ވަނަ ދުވަހު ކުޅުމުން ހުއްޓާލި މާޒިޔާއާއި މާލޭ ވެޓަރަންސް މެޗްގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން މާޒިޔާގެ ގޯލް ބަލަހައްޓަން ހުންނެވި ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު މުޙައްމަދު ސިނާން (ނާނި) ފަސް މެޗަށް ސަސްޕެންޑްކުރުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއިން ނިންމައިފިއެވެ.
ނާނިއާ މެދު ފިޔަވަޅު އެޅުމަށް ޑިސިޕްލިނަރީ ކޮމިޓީއިން ނިންމާފައިވަނީ އެދުވަހުގެ މެޗް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ބޯޅަ ނެތީސް މާލޭ ވެޓަރަންސް ޓީމުގެ ކުޅުންތެރިޔަކަށް ކުރި ޓެކުލަކާ ގުޅިގެންނެވެ.
ފަސް މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރަށް އޭނާ ފަސް ހާސް ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއިން ވަނީ ނިންމާފައެވެ.
މީގެ އިތުރުން ނާނި ކުޅުންތެރިޔާއަށް ހަމަލާ ދިނުމަށްފަހު މާޒިޔާގެ އޮފިޝަލުންނާއި ސަޕޯޓަރުން ދަނޑަށް އެރުމުން އެކުލަބު 8،000 ރުފިޔާއިން އިން ޖޫރިމަނާ ކުރުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީއިން ވަނީ ނިންމާފައެވެ.
އަދި މާލޭ ވެޓަރަންސްގެ އަޙްމަދު ޝާކިރު (ޝާކިއްޓޭ) އެ މެޗުގައި ކުރި ފައުލަކާ ގުޅިގެން މާޒިޔާގެ ބެންޗުގައި އިން އޮފިޝަލް ޙުސައިން ޝަފީއު ވަނީ ދަނޑަށް އަރައި ޝާކިއްޓޭއަށް ހަމަލާ ދޭން މަސައްކަތްކޮށްފައެވެ.
އެހެންކަމުން މެޗްގެ ތެރެއިން ދަނޑަށް އެރުމާ ގުޅިގެން ޝަފީއު އާއި މާޒިޔާގެ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ހުރި އިބްރާހިމް ޝަފީއު 4،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއިން ވަނީ ނިމްމާފައެވެ.
ނާނިއާ މެދު އެޅި ފިޔަވަޅަށް ފަހު ހަމަނުޖެހުންތަކާ ގުޅިގެން ހުއްޓާލި މެޗް މިއަދު އަލުން ކުޅެން ހަމަޖެހިފައިވާއިރު މިއަދުގެ މެޗްގައި ނާނީއަކަށް ނުކުޅެވޭނެއެވެ.