12 Jul 2015, 11:29
ރ. އުނުގޫފާރުގައި 80 ކޮޓަރީގެ ސިޓީ ހޮޓަލެއް އެޅުމުގެ ފުރުސަތު ހުޅުވާލާފައިފި އެވެ.
'ސަން'އާ ވާހަކަފުޅުދައްކަވަމުން އުނގޫފާރު ކައުންސިލްގެ ރައީސް ޢަބްދުއްނާސިރު ޢަލީ ވިދާޅުވީ ރަށުގެ އިރުދެކުނު ސަރަހައްދުން ގާތްގަނޑަކަށް 120،000 އަކަ ފޫޓްގެ ބިމެއް ސިޓީ ހޮޓާ އެޅުމަށް ކަނޑައަޅާފައިވާ ކަަމަށެވެ.
"މިކަމުގައި ސަރުކާރުން ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ވެސް އަޅުގަނޑުމެން ވަނީ ނަގާފާއި،" އަބްދުއްނާސިރު ވިދާޅުވިއެވެ.
އެ ސިޓީ ހޮޓަލުގެ ސަބަބުން ރަށުގައި ވަޒީފާގެ ފުރުސަތު އިތުރުވެ ރަށަށް ކުރިއެރުންތަކެއް އަންނާނެ ކަަމަށް ގަބޫލުކުރައްވާ ކަަމަށް ވެސް އަބްދުއްނާސިރު ވިދާޅުވިއެވެ.
"ރަށުގައި އިންދާ ހައްދާ މޭވާ އާއި ތަރުކާރީ ނުވަތަ ފަލަމަޑީގެ ބާވަތްތައް ވެސް އެ ހޮޓާ ހިންގާ ފަރާތުން ބޭނުންކުރައްވަފާނެ، އަދި މަސްވެރިން ބާނާ މަސްކޮޅުގެ ތެރެއިން ބައެއް އެއްޗެހި އެތަނަށް ހިނގައިދާނެ،" އަބްދުއްނަސީރު ވިދާޅުވިއެވެ.
އޭގެ އިތުރުން ސިޓީ ހޮޓާ އިމާރަތްކުރާ ފަރާތުން ކޮށްދޭންޖެހޭ އިތުރުކަންތައްތައް ވެސް ހުންނާނެ ކަަމަށް އަބްދުއްނާސިރު ވިދާޅުވިއެވެ. އެގޮތުން ކައުންސިލުން މިހާރު ހިންގަމުން އަންނަ ތެޔޮވިއްކާތަން އެހެންތަަނަކަށް ބަދަލުކޮށް ދެ ޝެޑް ހެދުމާއި އަދި ފެރީޓާމިނަލެއް އިމާރަތްކުރުން ވެސް ހިމެނޭ ކަަމަށް އަބްދުއްނާސިރު ވިދާޅުވިއެވެ. އަދި ރަށަށް ކޮށްދޭ އިޖްތިމާއީ ކަންތައްތައް އިތުރުވަމުންދާ ވަރަކަށް ލިބޭ ޕޮއިންޓް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޓީ ހޮޓާލުގެ ބިޑް ފޮތުގެ އަގަކީ 1500 ރުފިޔާއެވެ.