12 Jul 2015, 11:36
މައިލޯ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގައި މި މަހު ތިން ވަނަ ދުވަހު ކުޅެމުން ދަނިކޮށް ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ކުރިއަށް ނުގެންދެވިގެން ހުއްޓާލި މާޒިޔާ އާއި މޭލޭ ވެޓަރަންސް މެޗް މިއަދު އަލުން ކުޅޭ ގޮތަށް މުބާރަތުގެ އިންތިޒާމް ކޮމިޓީ އިން ނިންމައިފި އެވެ.
އެ ދުވަހުގެ މެޗްގައި، މެޗް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ބޯޅަ ނެތީސް މާލޭ ވެޓަރަންސް ޓީމުގެ ކުޅުންތެރިޔަކަށް ޓެކުލް ކުރުމާއި ގުޅިގެން މާޒިޔާގެ މުހިންމު ކުޅުންތެރިޔެއް ކަމުގައިވާ އެޓީމްގެ ގޯލް ކީޕަރު މުޙައްމަދު ޝިނާން (ނާނީ) އަށް ސަޝްޕެންޝަނުގެ ސަބަބުން މިއަދުގެ މެޗްގައި ނުކުޅެވޭނެ އެވެ.
އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އިން މައްސަލަ ބެލުމަށް ފަހު ނިންމާފާއި ވަނީ ނާނީ ފަސް މެޗަށް ސަސްޕެންޑްކޮށް ފަސް ހާސް ރުފިޔާ އިން އިން ޖޫރިމަނާ ކުރުމަށެވެ. މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކޯޑިނޭޓަރުގެ މަގާމުގައި ހުރި ޝިނާންއާ މެދު އަޅާފައިވާ ފިޔަވަޅާ ގުޅޭ ގޮތުން އެފްއޭއެމް އިން ނެރުނު ބަޔަނުގައިވެ އެވެ.
އަދި މި މައްސަލަ ހިނގައި ދިޔުމަށް ފަހު މާޒިޔާގެ އޮފިޝަލުންނާއި ސަޕޯޓަރުން ދަނޑަށް އަރައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި ބައިވެރިވުމުން އެ ކުލަބު ވެސް 8،000 ރުފިޔާ އިން ޖުރިމަނާ ކުރުމަށް އެފްއޭމްގެ ޑިސިޕްލިނަރީ ކޮމިޓީ އިން ވަނީ ނިންމާފަ އެވެ.
އެ ދުވަހުގެ މެޗް ހުއްޓާލި އިރު މާޒިޔާ އޮތީ 2-0 ގެ ނަތީޖައަކުން ކުރީގަ އެވެ.
މިއަދު ކުޅޭ މެޗް ފޭށޭނީ ހަވީރު 4:45 ގައި ކުޅިވަރު އެކުވެނީގެ މައިލޯ ޓަފު ދަނޑުގަ އެވެ.
އެދުވަހުގެ މެޗްގެ އިތުރުން ވެސް މާޒިޔާގެ މައްޗަށް އިތުރު ފިޔަވަޅެއް އަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އެއީ މިދިޔަ ހުކުރު ދުވަހު ކުޅެން އޮތް މާޒިޔާ އާއި ވެލެންސިއާގެ މެޗަށް ހާޒިރު ނުވުމުންނެވެ.
އެދުވަހުގެ މެޗަށް މާޒިޔާ ހާޒިރު ނުވުމުން މުބާރާތުގެ އިންތިޒާމް ކޮމިޓީ އިން ނިންމާފައި ވަނީ އެމެޗުން ވެލެންސިއާ އަށް ތިން ޕޮއިންޓައި ފައިދާ ދެ ގޯލް ލިބިފައިވާ ކަމަށެވެ.