12 Jul 2015, 11:15
ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ އިސްވެރިޔާ އިބްރާހީމް އާތިފް ޝުކޫރު އިސްތިއުފާދެއްވައިފި އެވެ.
އެމްއެމްއޭގެ އިންފޮމޭޝަން އޮފިސަރު އަހްމަދު ފަޒާލް ހުސައިން މިއަދު ސަން އަށް ވިދާޅުވީ އާތިފް އިސްތިއުފާދެއްވީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޔުނިޓެކެވެ.
އެ ޔުނިޓުގެ ވެރިޔާގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ ބާރު ލިބިގެން ވަނީ އެމްއެމްއޭގެ ގަވަރުނަރަށެވެ.
އެ ޔުނިޓުގެ ޒިންމާތަކުގެ ތެރޭގައި މަނީލޯންޑްރިންގް ހަރަކާތްތަކާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ހަރަކާތްތައް ހިންގަމުންގެންދާ ގޮތަށް އަންނަ ބަދަލުތަކާއި އެފަދަ ހަރަކާތްތަކާއި އަމަލުތައް ދެނެގަންނާނެ ގޮތްތަކާއި އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ދިރާސާތައް ކުރުން ހިމެނެ އެވެ.