12 Jul 2015, 11:08
އިސްލާދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމަ ޙަދީޘު ކުރައްވައިފައިވެއެވެ.
"މުއްސަނދި ކަމުގައި މެދުމިންވަރަށް ކަންތައް ކުރުމަކީ ކިހައި ރަނގަޅުކަމެއްހެއްޔެވެ؟ ފަޤީރުކަމުގައި މެދުމިންވަރަށް ކަންތައް ބެހެއްޓުމަކީ ކިހައި ރަނގަޅު ކަމެއް ހެއްޔެވެ." އެހެން ރިވާޔަތެއްގައި ވެއެވެ. ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘު ކުރެއްވިއެވެ. "މެދުމިންވަރެވެ! މެދުމިންވަރެވެ! ތިޔަބައި މީހުންނަށް ކާމިޔާބަށް ވާސިލުވެވޭހުއްޓެވެ"
ކައު ސާހިބާ ޞައްލަﷲ ޢަލަހި ވަސައްލަމަގެ ޞަޙާބީ އަކު ވިދާޅުވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސައްލަމަ ނަމާދު ކުރައްވަނީވެސް މެދުމިންވަރަށެވެ. (މާކުރެއްކޮށެއްވެސް ނޫނެވެ. މާދިގެއްކޮށެއްވެސް ނޫނެވެ) އެކަލޭގެފާނު ޚުޠުބާ ވިދާޅުވަނީވެސް މެދުމިންވަރަށެވެ"
މުއުމިނުންގެ ގޮތަކަށް ވާން ޖެހޭނީ އެއްވެސް ކަމެއްގައި ހައްދު ފަހަނަޅައި ނުދިޔުމެވެ. ދީލިކަޑަ ނުވުމެވެ. ނެގިމަޑުވެސް ނުވުމެވެ. ފަރުދީ މުޢާމަލާތަކުގައިވެސް، އިޖްތިމާއީ ކަންކަމުގައި ވެސް މުއުމިނުން ހިފަހައްޓަންޖެހޭ ބުއްވެރި މިންގަނޑަކީ މެދުމިންވަރެވެ. އުނދަގުލާއި ފަސޭހައިގައެވެ. ތަނަވަސްކަމާއި، ފަޤީރު ކަމުގައެވެ. ތިޔާގިކަމާއި ތަދުމަޑުކަމުގައެވެ.
މިދުނިޔެއަކީ އިމްތިހާނުގެ ދުނިޔެއެކެވެ. މިތާނގައި އެކެއްގެވެސް، އެއްވެސް ޤައުމެއްގެވެސް ޙާލަތު އަބަދަކު އެއްގޮތަކަށް ނޯވެއެވެ. ބައެއްފަހަރަށް އޮންނަނީ ތަނަވަސްކަމާއި ފަސޭހަކެމެވެ. އަނެއްބައި ފަހަރު ދަތިކަމާއި އުނދަގޫ ކަމެވެ. ބައެއްފަހަރު އޮންނަނީ އަމްނު އަމާން ކަމާއި ޞުލްޙަ މަސަލަސްކަމެވެ. އަނެއްބައި ފަހަރު ހަމަނުޖެހުމާއި ބިރުވެރި ކަމެވެ. މީހަކު ބައެއްފަހަރު މުޖްތަމައުގައި އާރާއި ބާރުހުރި މީހަކަށްވެއެވެ. ބަސްވިކޭ މީހަކުކަމުގައި ވެއެވެ. އަނެއްބައިފަަހަރު އޭނާގެ އެއްވެސް މަނަހެއްނުހިނގައެވެ. އާރެއްބާރެއް ނުފޯރައެވެ. އިންސާނާ ބައެއްފަހަރު ހުންނަނީ އޭނާގެ މީހުންގެ ތެރޭގައެވެ. ގާތްތިމާގެ މީހުންނާއި ހެޔޮއެދޭ މިތުރުންގެ ވަނާގެ ތެރޭގައެވެ. އަނެއްބައި ފަހަރު ދުޝްމިނުންނާއި ހަތުރުންގެ ގޮނީގެތެރޭގައެވެ.
އީމާންކަން މުއުމިނުންގެ ކިބައިގައި ރޯފިލުމާއި ހަރުދަނާކަން އުފައްދައެވެ. އެހެން ކަމުން މުއުމިން އިންސާނާ ހުރިހާ ޙާލަތެއްގައިވެސް ހުންނާނީ މެދުމިނުގައެވެ. އޭނާ އަބަދުވެސް ހުންނަނީ މާތްﷲގެ ވާފަށުގައި ވަރުގަދަޔަކަށް ހިފަހައްޓައިގެންނެވެ. އެވާފަށުން މުގޫލައިގެންނެވެ. އެހެންކަމުން ހާލަތުގެ ދިޔަވަރު ހިކުމަކުންވެސް ފޫދުމަކުންވެސް އޭނާގެ ފައިތިލަޔަކަށް ލޮޅުމެއްނާރައެވެ. އޭނާގެ ހަމަޖެހުމަކަށް ގުޑުމެއް ނާދެއެވެ. އޭނާގެ ޙަޔާތުގެ މިސުރާބު ކަނޑައަޅަނީ ޚުދު އޭނާ ދުރާލައި އެކަށައަޅާ ހަރުދަނާ އުސޫލުތެކެވެ. ބޭރު މީހުން ނިއުޅާ މައްސަލަތަކުގެ ބާނިތަކެއްނޫނެވެ. ކޮންމެ ކަމެއްގައި ވެސް އޭނާގެ އީމާނަކީ މެދުމިންވަރަކީ ހެޔޮމިންވަރުކަމެވެ.