12 Jul 2015, 10:50
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ މިފަހަރު އުސްފަސްގަނޑުގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބުދުއްސަމަދު މިއަދު "ސަން" އަށް ވިދާޅުވީ މިނިވަން ދުވަހުގެ ޖަލްސާއަށް އުސްފަސްގަނޑު ތައްޔާރު ކުރުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ވަރަށް ބާރު ސުޕީޑެއްގައި ކުރިއަށްގެންދާ ކަމަށެވެ.
މިނިވަން ދުވަހުގެ ރަސްމީ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވާ އުސްފަސްގަނޑު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ: ސަން ފޮޓޯ/ އަލީ ނަސީރު
"މިނިވަން ދުވަހު ރައީސުލްޖުމްހޫރިއްޔާ ބާއްވާ ހާއްސަ ދަރުބާރު މިފަހަރު މިއޮތީ އުސްފަސްގަނޑުގައި. ދެން މީގެކުރިން ތިބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ރަސްމީ ދަރުބާރު ކުރިއަށް ދަނީ ދަރުބާރު ގޭގައި ކަން. ދެން މި ދަރުބާރުގައި ދައުވަތު އެރުވިގެން ވަޑައިގެން ތިއްބެވި އެކި ގައުމުތަކުގެ ވެރިން ވެސް ތިއްބަވާނެ." ތަޒްމީލް ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ ގޮތުން މުޅި މާލެ ތެރެ ޒީނަތްތެރިކޮށް ރަސްމީ ހަފުލާ ބާއްވާ ތަން ތައްޔާރު ކުރަމުންދާއިރު ހަރަދު ކުޑަ ކުރުމުގެ ގޮތުން ކަމަށް ބުނެ މިނިވަން ދުވަހުގެ ރަސްމީ ހަފުލާ މިދިޔަ އަހަރު ބާއްވާފައެއް ނުވެ އެވެ.