އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއް މިރޭ ބާއްވައިފި އެވެ.

އެމްޑީޕީގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ މިރޭ ގާތްގަނޑަކަށް އެއް ގަޑިއިރަށް ސޯލްޓް ކެފޭގައި ކުރިއަށްގެންދިޔަ އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ޝިޔާމް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި ކުރި ކަމަކީ ސަރުކާރާ އެމްޑީޕީއާ ދެމެދު މިހާތަނަށް ކޮށްފައިވާ މަޝްވަރާތަކުގެ މައުލޫމާތުތައް ގައުމީ މަޖިލީހުގެ މެންބަރުންނާ ހިއްސާކޮށް އެ މެންބަރުންގެ މެދުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދިނުން ކަމަށެވެ.

"ވަކި ކަމަކާ މަޝްވަރާއެއް ނުކުރަން. ސަރުކާރާ އެމްޑިޕީއާ ދެމެދު ދެކެވެމުންދާ ބައެއް ވާހަކަތައް އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރުންނާ ހިއްސާކޮށްލީ. ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި މިކަހަލަ ވާހަކަތައް އަޅުގަނޑުމެން ކުރިއަށް ގެންދަނީ،" އިންތި ވިދާޅުވި އެވެ.

އެމްޑީޕީއާ ސަރުކާރުން ކުރި މަޝްވަރާތަކުގެ ތެރޭގައި އެމްޑީޕީގެ ފަރާތުން ބޭނުންވަނީ ކޮންކޮން ކަމެއްތޯ އަދި ސަރުކާރުން ބޭނުންވަނީ ކޮންކަމެއްތޯއާ ބެހޭގޮތުން ވަރަށް ބޮޑަށް ވާހަކަދެކެވުނު ކަމަށް އެންމެ ފުރަތަމަ ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ފަރާތުން ބައެއް ކަންކަން ހުށަހެޅިއިރު ވަކި މުއްދަތެއްގެ ތެރޭގައި ބައެއް ކަންކަން ނިންމަން އެދިފައިއޮތަސް އެއްވެސް ހުށަހެޅުމަކަށް މުހުލަތެއް ނުލައި ކުރިއަށްގެންދަން އެރޭ ވަނީ އެއްބަސްވެފަ އެވެ.

މަޝްވަރާކުރުމުގެ ދެވަނަ ބައްދަލުވުމެއް މިދިޔަ ބުދަ ދުވަހު ބާއްވަން ނިންމި ނަމަވެސް އެ ބައްދަލުވުން ވަނީ ކެންސަލްކޮށްލާފަ އެވެ.