މަންދުކޮލެޖާ ގުޅިގެން ރާއްޖެއިން ބޭރުގެ ތިން ކޮލެޖަކާއި އަދި ޔުނިވާސިޓީއަކުން ދިވެހީންނަށް ކިޔެވުމުގެ ފުރުސަތު ފަހިކުރުމަށްމަށް ހަތަރު ތަނަކާއެކު މަންދު ކޮލެޖުން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މިރޭ މޫކައި ސުއިޓުގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ބައިނަލްއަގުވާމީ ޔުނިވާސިޓީތަކުގައި ކިޔަވައިދޭ ފެންވަރަށް މަންދު ކޮލެޖުގައި ކިޔެވޭނެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

މިރޭ މަންދު ކޮލެޖުގެ ފަރާތުން ސޮއި ކޮށްފައިވަނީ މެލޭޝިޔާގެ ތިން ކޮލެޖެއް ކަމުގައިވާ އެސްޖީ އެކެޑެމީ އާއި ވެސްޓްމިނިސްޓާ އިންޓަނޭޝަނަލް ކޮލެޖާއި ބްރިކްފީލްޑްސް އޭޝިއާ ކޮލެޖުގެ އިތުރުން އެގައުމުގެ ޔުނިވާސިޓީއެއް ކަމުގައިވާ މަހްސާ (އެމްއޭއެޗްއެސްއޭ) ޔުނިވާސިޓީއާ އެކު އެވެ.

މަންދު ކޮލެޖުގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ އެ ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) އެވެ. އެސްޖީ އެކެޑެމީގެ ފަރާތުން ސޮއި ކުރެއްވީ އެ އެކެޑެމީގެ ވެރިޔާ ޑރ. ޑަޓޯ ސްރީ ގަނޭސް އެވެ. ވެސްޓްމިންސްޓާ އާއި ބްރިކްފީލްޑް އަދި މަހްސާ ގެ ފަރާތުން ސޮއި ކުރެއްވީ އެ ތިން ތަނުގެ މަންދޫބެއް ކަމުގައިވާ ހޮމަބަލަން ރަތުނަމް އެވެ.

އެ ރަސްްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަންދު ކޮލެޖުގެ ޗެއާމަން އިބްރާ ވިދާޅުވީ އެ އެއްބަސްވުންތަކުގެ ދަށުން ދަރިވަރުންތަކަށް އެއް އަހަރު ދުވަހުގެ ޑިގްރީ ފޮ ފައުންޑޭޝަން ކޯސްތަކުގައި ބައިވެރި ވުމުގެ ފުރުަސަތުތައް ހުޅުވިގެންދާނެ ކަމަށެވެ.

އެކި ޔުނިވާސިޓީތަކުން ބަލައިގަންނަ އެ ކޯސްތަކުގެ ސަބަބުން މެލޭޝިޔާ އާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުގެ ޑިގްރީ ކޯސްތަކުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އިބްރާ ވިދާޅުވިއެވެ.

އެ އެއްބަސްވުމުގެ ދަށުން އެ ޔުނިވާސިޓީއާ ގުޅުން ހުރި 10 ވަރަކަށް ޔުނިވާސިޓީގައި ކިޔެވުމަށްވެސް ފުރުސަތުތައް ލިބޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ.

އެއްބަސްވުމުގެ ދަށުން ވެސްޓްމިންސްޓާގެ މެލޭޝިޔާ ޕްރޮގުރާމްތަކުގައި ބައިވެރިވާ ދަރިވަރުންނަށް އިނގިރޭސިވިލާތުގެ ކާޑިފް މެޓްރޮޕޮލިޓަން ޔުނިވާސިޓީގެ އޮނާސް ޑިގްރީ ހާސިލް ކުރެވޭނެ ކަމަށް އިބްރާ ވިދާޅުވިއެވެ.

އެސްޖީ އެކަޑަމީގެ އެއްބަސްވުމުގެ ދަށުން ހޮސްޕިޓަލިޓީ މެނޭޖްމަންޓް އަދި ފުޑް އެންޑް ބެވަރޭޖްގެ ދާއިރާއިން ތައުލީމާއި ތަމްރީން ދިނުމަށް ހަމަޖެހިފައިވާއިރު އެ ތަމްރީނުތަކުގައި ބައިވެރިވާ ދަރިވަރުންނަށް އިނގިރޭސިވިލާތުގެ ސިޓީ އެންޑް ގިލްޑްސްގެ ސަނަދު ލިބުމުގެ ފުރުސަތު ވަނީ ހުޅުވިފަ އެވެ.

މަހްސާ ޔުނިވާސިޓީއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ފައުންޑޭޝަން ފޯ ޑިގްރީ ނިންމާ ދަރިވަރުންނަށް އެ ޔުނިވާސިޓީގެ ހެލްތް ސައިންސް ދާއިރާތަކުން ބެޗްލާސް ޑިގްރީ ހާސިލް ކުރެވޭނެ ކަމަށް މަންދު ކޮލެޖުން ބުންޏެވެ.

އަދި ބްރިކްފީލްޑް އޭޝިޔާ ކޮލެޖާ އެކު ވި އެއްބަސްވުމުގެ ދަށުން، މަންދު ކޮލެޖުގެ ފައުންޑޭޝަން ފޯ ޑިގްރީ ސްޓަޑީސް ނިންމާ ދަރިވަރުންނަށް ޔޫކޭ ޑިގްރީ ޓްރާންސްފާ ޕްރޮގުރާމެއްގެ ދަށުން އިނގިރޭސިވިލާތުގެ އެންމެ މަގުބޫލު ޔުނިވާސިޓީތަކުން މާސް ކޮމިއުނިކޭޝަނާއި ބިޒްނަސް ސްޓަޑީސް އާއި ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި އެކައުންޓިން އާއި ފައިނޭންސް އަދި ގާނޫނީ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް މަންދު ކޮލެޖުން ބުންޏެވެ.