11 Jul 2015, 23:40
ބޮޑުތަކުރުފާނު މަގު މާޒިޔާ ދަނޑު ސަރަހައްދުގައި މިމަހުގެ ތިންވަނަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި ޒަޚަމްވި 19 އަހަރުގެ ޒުވާނާ ކާމިޔާބު އޮޕަރޭޝަނަކަށް ފަހު މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަަމަށް އޭޑީކޭއިން ބުނެފި އެވެ.
އޭނާ އެކްސިޑެންޓްވުމުން ފުރަތަމަ ގެންގޮސްފައި ވަނީ އައިޖީއެމްއެޗަށެވެ. ނަމަވެސް ބޮލަށް ގެެއްލުންވެ ނާރުގެ ޑޮކްޓަރަކަށް ދެއްކުމަށް އައިޖީއެމްއެޗުން ލަފާ ދިނުމުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.
އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ ބޮލުގެ އޮޕަރޭޝަނެއްކޮށް އެކްސިޑެންޓުގައި އޭނާގެ ސިކުނޑިއަށް އެޅިފައި ހުރި ލޭތަށް ނަގާފައިވާ ކަމަށެވެ. އަދި ކާމިޔާބު އޮޕަރޭޝަނަކަށް ފަހު މިހާރު އާންމު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އައްފާލް ވިދާޅުވި އެވެ.
އެ އެކްސިޑެންޓްގައި ޒަޚަމްވި 19 އަހަރުގެ ޒުވާނާގެ މޫނުގެ ކަށިތަށް އެއްކޮށް ފުނޑު ފުނޑުވެފައި ވާ ކަމަށް ޑޮކްޓަރާ ހަވާލާދީ އާއިލާއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ރޭ ހިނގި އެކްސިޑެންޓުގައި 19 އަހަރުގެ ޒުވާނާގެ އިތުރުން 22 އަހަރުގެ މީހަކު ވެސް ޒަޚަމްވި އެވެ. 22 އަހަރުގެ ޒުވާނާގެ ހާލު ރަގަނޅު ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.