07 Mar 2011, 09:45
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާޞަބަތުގައި ދިވެހި ސިފައިން ރޭ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.
ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ޑިރެކްޓަރު އައްޝައިޙް ޢަބްދުލް ޢަޒީޒް ޙުސައިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެރަސްމިއްޔާތުގައި ދިވެހި ސިފައިންނަށް ތަޤްރީރުކޮށްދެއްވަމުން ޝައިޙް ޢަބްދުލް ޢަޒީޒް ވިދާޅުވީ، އިސްލާމްދީން ފިޔަވައި އެހެނިހެން ދީންތަކަކީ ބާތިލް ދީންތަކެއް ކަމަށެވެ. ޔަހޫދީ ދީނާއި ނަޞާރާ ދީނަކީ އެޒަމާނަކަށް ﷲ ތަޢާލާ ބާވައިލެއްވިއިރު، ފުރިހަމަކޮށް އޮތް ދީނެއް ނަމަވެސް، އިސްލާމްދީންހާ އެދީންތައްވެސް ފުރިހަމަ ނޫންކަމަށް ޝައިޙް ޢަބްދުލް ޢަޒީޒް ވިދާޅުވި އެވެ.
އިސްލާމްދީނުގައިވާ ހިދާޔަތުގެ ނިޢުމަތަކީ އިންސާނަކު ދިރިއުޅުމަށް ބޭނުންވާނެ ހުރިހާ ކަމެއް އެކުލެވިގެންވާ ހިދާޔަތެއްކަމަށް އިޝާރާތްކުރައްވާ ޝައިޙް ޢަބްދުލް ޢަޒީޒް ވިދާޅުވީ، އިސްލާމްދީން ނައްތާލުމަށް ބަޔަކު މަސައްކަތްކުރަމުންދާ ކަމަށާއި، އެބައިމީހުން ނުރުހުނުކަމުގައި ވިޔަސް އިސްލާމްދީން ﷲ ތަޢާލާ ފުރިހަމަކުރައްވާނެކަމަށެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނަކީ އިންސާނުން ކުރިއެރުމަށް އޮތް ހުރަހެއްކަމަށް ބުނާނަމަ އެއީ ކުށެއް ކަމަށާއި، އެހެންނަމަވެސް ބައެއް އިސްލާމުން އަމަލުކުރަމުންދާ ގޮތުގެ ސަބަބުން އިސްލާމުންގެ ސިފަ ހުތުރުވެގެން އަންނަކަމަށެވެ.
ހެދުން އެޅުމުގައި އިސްލާމުދީނުގައި އަންގަވާފައިވާ ރިވެތި އާދަތަކަށް އިޝާރާތްކުރައްވާ ޝައިޙް ވިދާޅުވީ، އެމީހަކު ބޭނުންހާ ހެދުމެއް އަޅައިގެން އެމީހަކު ބޭނުންހާ ކަމެއް ކުރާނަމަ އޭގެ ސަބަބުން އަނެކާގެ ޙައްޤަށް ހުރަސް އެޅޭކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އިސްލާމްދީނުގައި ވަކި ޝަޤާފަތެއްގެ ހެދުމެއް ލުމަކަށް އަންގަވާފައި ނުވާކަމަށާއި، އެހެންނަމަވެސް އިސްލާމްދީން އަންގަވަނީ ތިމާގެ އައުރަ ނިވާވަނިވި ހެދުމެށް ލުމަށްކަމަށެވެ.
އަޅުގަނޑުމެންގެ ޤައުމު ދިފާޢުކޮށް، ހިމާޔާތްކުރަން ތިއްބެވީ ސިފައިންނަށް ވީއިރު، އިސްލާމުދީނާއި ހިލާފު އޮއިވަރުތަކާއި ދެކޮޅަށް ސިފައިން ތެދުވެވަޑައިގަންނަވަން ޖެހޭނެކަމަށްވެސް ޝައިޙް އިޝާރާތްކުރެއްވެވިއެވެ. މިގޮތުން އެންމެ ފުރަތަމަ ކަމަކަށް ސިފައިންނަކީ ސާބިތުކަމާއެކީ ތިބޭ، ފުރިހަމަ ތަރުބިއްޔަތެއް ލިބިފައިވާ އަދި ވަކި މިންގަނޑެއްގެ ތެރޭގަ ދަތުރުކޮށްފައިދާ ސަހުސިއްޔަތަކަށް ސިފައިން ވާންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސިފައިންނަކީ ﷲ ރުހިވޮޑިގަންނަވާ އަޅަކަށް ވާންޖެހޭކަމަށާއި، ﷲ އަށް ނަޞްރު ދެއްވާ އަޅަކަށް އެކަލާނގެ ނަޞްރު ދެއްވާނެކަމަށް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަމުން ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިޙި ވަޞައްލަމް ކުރެއްވި ބައެއް ހަނގުރާމަތަކަށް އަލިއަޅުއްވާލައްވާ އިސްލާމުންނަށް ނަޞްރު ލިބިގެންދިޔަގޮތުގެ އިބްރަތްތެރި ވާހަކަފުޅުތަކެއް އެމަނިކުފާނު މިރޭގެ ރަސްމިއްޔާތުގައި ކިޔައިދެއްވެވިއެވެ.