މިއީ މާލޭ ހުޅަނގު އުތުރު ފަރާތުގައި ހުންނަ ގެއެއްގައި އުޅޭ ކުޑަ ފަސް ކުދިންގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަ އެވެ. ފެންނަ ފެނުމަށް އެކުދިން ފެންވެރި ދުވަހެއް ބުނަން ނޭނގެ އެވެ. ފަސް ކުދިންވެސް ތިބެނީ ކިލައާއި ތަތްތެޅިފަ އެވެ. ލާ އަންނައުނަކީ ވެސް ދާވެ ތަތްތެޅިފައިވާ ތަކެއްޗެވެ. އެކުދިން އަބަދުވެސް އުޅެންޖެހެނީ ބުރަ މަސައްކަތުގަ އެވެ. ތައުލީމް ހާސިލް ކުރުމާއި އަސާސީ ހައްގުތަކުން މަހުރޫމް ވެފަ އެވެ.

މަންމައާއި ބައްޕަ މަސްތުވުމާއި ވިޔާނުދާ އުޅުމުގައި ބެދިފައި

އަހުމަދު ޒުބެއިރު (އަސްލުނަމެއް ނޫން) އާއި އައިމިނަތު ވަފިއްޔާ (އަސްލުނަމެއް ނޫން) އެއީ އެކުދިންގެ މަންމަ އާއި ބައްޕަ އެވެ. ގާތްގަނޑަކަށް 35 އަހަރުގެ އެ ދެ މީހުންނަކީ ވެސް މަސްތުވާތަކެތި ބޭނުންކޮށް ވިޔާނުދާ ކަމަށް ނަން މަޝްހޫރު ދެމީހުންނެވެ. އެއީ އެތައް ޒަމާންވީ ދިރިއުޅުމެކެވެ. ފިރިހެން މީހާ އަކީ މާލޭ މީހެކެވެ. އެމީހުން ދިރިއުޅެނީ އޭނާގެ ގޭގަ އެވެ. އަންހެން މީހާ އަކީ ލ. އަތޮޅަށް ނިސްބަތްވާ މީހެކެވެ.

އެދެ މީހުންގެ ކައިވެއްޏަށް ތިން ކުދިންލިބުނެވެ. އޭގެތެރެއިން އަށް އަހަރު ކުއްޖަކާއި ތިން އަހަރު ފިރިހެން ކުއްޖެއް ލިބިފައިވާ އިރު ތިން ވަނަ ކުއްޖާއަށް އެއް މަހުގައި މިދިޔަ ޑިސެމްބަރު މަހު ވަނީ މަރުވެފަ އެވެ. ދެން އެގޭގައި އުޅެނީ ވަފިއްޔާގެ އެހެން ކައިވެންޏަކަށް ލިބިފައިވާ ތިން ކުދިންނެވެ. ޒުބެއިރުގެ ދޮންދަރިންނެވެ. އެކުދިންގެ ތެރޭގައި ތިބީ 14 އަހަރުގެ ފިރިހެން ކުއްޖަކާއި 12 އަހަރުގެ އަންހެން ކުއްޖަކާއި 10 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ފަސް ކުދިން ވެސް އުޅެނީ ސަލާމް ޖަހައިގެން ބަނޑުފުރާނަ މުއްތިނުކޮށެވެ. ދެން އޮތީ އެކުދިންނަށް ދިމާވާ އެންމެ ހުތުރު ކަންތަކުގެ ވާހަކަ އެވެ.

ދޮން ބައްޕަގެ ފަރާތުން އަންހެން ކުއްޖާއަށް ޖިންސީ ގޯނާ

ކުދިންގެ މަންމަ ވަފިއްޔާ އޭނާގެ އަވައްޓެރިން ގާތު އަބަދުވެސް ބުނާ ވާހަކައެއް އޮވެ އެވެ. އެއީ އޭނާގެ ފިރިމީހާ ޒުބެއިރު އޭނާގެ 12 އަހަރުގެ އަންހެން ދަރިފުޅާ ތަކުރާރުކޮށް ބަދުއަހުލާގީ އަމަލު ހިންގާތާ އެތައް ޒަމާނެއްވެފައިވާ ވާހަކަ އެވެ. ނަމަވެސް އެކަން ކަމާބެހޭ ފަރާތަކަށް ރިޕޯޓްކުރާކަށް އޭނާ ބޭނުމެއް ނުވެ އެވެ. އެކަން ހުއްޓުވާކަށް ވެސް ނޫޅެ އެވެ.

"އަހަރެން ކައިރީ ވެސް އެ އަންހެން މީހާ [ކުދިންގެ މަންމަ] ބުނި އޭނާގެ ފިރިމީހާ ދަރިފުޅާ ބެހޭ ވާހަކަ. އެކަމަކު އޭނަ ނޫޅޭ އެކަން ހުއްޓުވާކަށް،" ވަފިއްޔާމެންގެ އަވައްޓެރި އަންހެނަކު ބުންޏެވެ.

ކުދިންގެ ބައްޕަ ބުލެކް މެއިލް ވެފައި

ޒުބެއިރުގެ ދެބެންގެދެދަރި އަދި އެގެއާ އަވައްޓެރި އަހުމަދު ޝަމާލް އަކީ، އެމީހުންގެ ދިރިއުޅުން އެންމެ ގާތުން ފެނިފައި ހުރި މީހާ އެވެ. އެތައް ފަހަރަކު އެގެއަށް ވަދެފައި ހުރި މީހާ އެވެ. ޝަމާލުގެ ވާހަކަތަކަށް ބަލާއިރު 12 އަހަރުގެ އަންހެން ކުއްޖާއަށް ދޮންބައްޕަ ޖިންސީ ގޯނާކުރާކަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ ބަދަލުގައި އޭނާ ބޭނުން ވަނީ ޒުބެއިރު ބުލެކްމެއިލުކޮށް އޭނާ ބޭނުންވާހާ ގޮތަކަށް އުޅުމަށް ކަމަށް ޝަމާލު ބުންޏެވެ.

"އަންހެން މީހާ ބުނާގޮތް ހަދަން ޒުބެއިރަށް މަޖުބޫރު. އޭނާގެ ވާހަކައިންނާއި އޭނާގެ އަމަލުންތަކުން އެބަ އެނގޭ. މަބުނީ މިގުޅަނިއްޔޭ ފުލުހުންނަށް ކިޔާފައި ޑަޔަލް ކުރީމަ ވެސް ޒުބެއިރު ބުނީ ނުގުޅާށޭ ފުލުހުންނަށް، ސަކަރާތްވާނޭ،" ޝަމާލު ބުންޏެވެ.

ޝަމާލު ސަން އޮންލައިންއަށް އިންޓަވިއު ދެނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ކުށެއްނެތް އެކުދިން ބިކަވެފައިވާ އިރު ޖިންސީ އެތައް އަނިޔާއެއް ބައްޕައާއި ނުދަންނަ އެތައް ފިރިހެނުންނެއްގެ ފަރާތުން ލިބެމުންދާ ކަމަށް ޝަމާލު ބުނެއެވެ. އެއީ އެކުދިންގެ މަންމަ ފައިސާ ހޯދަން ކުރާ ކަމެއް ކަމަށް ގިސްލާރޮމުން އަވައްޓެރިންނަށް އެކުދިން އެވާހަކަތައް ކިޔައިދީފައިވެ އެވެ.

ދިރިއުޅޭ ގޭގައި އަސާސީ ބޭނުން ނުފުދޭތާ، މުޅިންވެސް ކުށްކުރުން

އެކުދިން ދިރިއުޅޭ ގެއިން ހުންނަނީ ފެން ކަނޑާލާފަ އެވެ. ކައްކަންޖެހެނީ 14 އަހަރުގެ ފިރިހެން ކުއްޖާއަށެވެ. ގޭތެރެ ހަޑިކަމާއި މުޑުދާރުކަން އިންތިހާ އެވެ. މަންމަ އާއި ބައްޕަ އެއްކަމެއް ނުކުރާތާ ދެ މީހުން މާރާމާރީ ހިންގަނީ ވެސް ކުދިންގެ ކުރިމަތީގަ އެވެ. ބަދުއަހުލާގީ އަމަލުތަކާއި މަސްތުވުމުގެ އެތައް ކަމެއް އެކުދިން ކުރިމަތީ ހިނގައެވެ.

"ކުދިންނަކީ އަޅުން، އެމީހުން ބުނާހާ ކަމެއް ކުރަން ޖެހޭ. ކުޑަކުޑަ ކުދިން ގޭތެރެ ކުނި ކަހާ އެއްޗެހި ދޮވެ ކައްކާނީ ވެސް ފިރިހެން ކުދިން ތިބެގެން." އެކުދިން އެވާހަކަތައް ހިއްސާކޮށްފައިވާ އެގޭ އަވައްޓެރިއަކު ބުންޏެވެ.

އެކުދިންގެ އަވައްޓެރިޔާ ސަން އަށް އިންޓަވިއު ދެނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ކާން ދެނީ އަވައްޓެރިން، އެކަން ވެސް މަންމަ ހުއްޓުވާ

ހަވީރީ ހިނގުމުގެ ގޯޅިއެއްގެ ތެރޭގައި ދިރިއުޅޭ ކުދިންގެ ވާހަކަ ކިޔައިދޭ ހުރިހާ އަވައްޓެރިން ވެސް ދެއްކީ އެއްވާހަކައެކެވެ. އެއްވެސް ތަފާތެއްނެތެވެ. އެއެންމެން ވެސް އެވާހަކަ ކިޔައިދެނީ ލޮލުން ކަރުނަ އޮހޮރޭ ހާލުގަ އެވެ. އުޅުމެއް ނެތް ދެމަފިރިންގެ ދަރިންނަށް ފެންވަރާނެ ނިދާނެ ގޮތެއް ނެތުމުން އެކުދިން ތިބެނީ ފެންނުވަރަ އެވެ. ރޭގަނޑު ދަންވަރު ވެސް އެ ކުޑަކުދިން އުޅެނީ ގެއިން ބޭރުގަ އެވެ. ރަނގަޅު ކާނާއެއް ނުލިބޭތީ ނުކައެވެ. ކާއެއްޗެއް ލިބޭނީ އަވައްޓެރިއަކު ދިނިއްޔާ އެވެ.

"އެގޭ ހުރީ ބިންމަތީގައި ފޮށިގަނޑެއް އަޅާފައި އޭގެ މައްޗަށް ބަޖިޔާ އަޅާފައި، އެގޭ ގެންގުޅޭ ބުޅާ ވެސް ކަނީ އޭތި ކުދިން ވެސް ކަނީ އޭތި. އެއީ އަވައްޓެރިން ދޭ އެއްޗެހި،" އެގެއަށް ވަދެއުޅޭ އަވައްޓެރިއަކު ބުންޏެވެ.

އެކުދިން ކުރިން ތިބީ ޖެންޑާގެ ބެލުމުގެ ދަށުގައި

މިކަން ބޮޑުވެ ޝަމާލް ވަނީ ފުލުހުންނަށާއި ޖެންޑާއަށް އެމައްސަލަ ހުށަހަޅައިފަ އެވެ. އެތައް ފަހަރެއްގެ މަތިން އެގެއަށް ފުލުހުން ގޮސްފައިވެ އެވެ. އަދި އެ ދެމަފިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެސް ވެ އެވެ. ނަމަވެސް މިހާރު އެދެމަފަރިން ތިބީ އެގޭގަ އެވެ.

އެއާއެކު ޝަމާލް ވަނީ ޖެންޑާއަށް އެ މައްސަލަ ހުށަހަޅައިފަ އެވެ. ޝަމާލު ބުނިގޮތުގައި ޖެންޑާއިން އެގެއަށް އައިސް ކުދިންގެ ހާލު ބެލުމަށް ފަހު އެ ފަސް ކުދިންނަކީ އެމިނިސްޓްރީގެ ބެލުމުގެ ދަށުގައި ކުރިންތިބި ކުދިން ކަމަށް އޭނާ ގާތު ބުނި ކަމަށެވެ. މިހާރު އެކުދިންގެ ހާލަތު ނުބެލެނީ އެ މިނިސްޓްރީގެ އިދާރީ މައްސަލައެއްގެ ސަބަބުން ކަމަށް ވެސް ޖެންޑާއިން ބުނި ކަމަށް ޝަމާލު ބުންޏެވެ.

"ކުރިން މިކުދިން މިތިބީ ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގައި. އެތަނުގައި ތިއްބައި ބެލެނިވެރިން އެދިގެން ކަމެއް މިނިސްޓްރީން ހަވާލުކުރީކަމެއް އެހާބޮޑަށް ސާފެއް ނުވޭ އަނބުރާ މިއައީ،" ޝަމާލު ބުންޏެވެ.

އެނގޭހާ ވެސް އެއްޗަކީ އެ މައްސަލަ އެހާހިސާބަށް ގޮސް އެކުދިންނަށް ލާއިންސާނީ އެތައް އަމަލެއް ކުރިމަތިވަމުން އަންނައިރު ވެސް އެކަން ނުހުއްޓުވޭ ކަމެވެ. ޝަމާލު އާއި އެތައް އަވައްޓެރިންނެއް ބުނާ ގޮތުން ކަމާބެހޭ އެތައް އިދާރާއަކަށް ހުށައަޅައި ވެސް މިހާތަނަށް ލިބުނު ކުރިއެރުމެއް ނެތެވެ.

އެ މައްސަލަ ސަން އިން ޖެންޑާއާއި ހިއްސާ ކުރުމުން ޖެންޑާ މިނިސްޓްރީގެ ސީއީއޯ އައިމިނަތު އީނާސް ވިދާޅުވީ، އަވަސް މައްސަލައެއްގެ ގޮތުގައި އެކަންބައްލަވާނެ ކަމަށެވެ. ޖެންޑާ އަށް ހުށަހެޅުމުން އެސެސްމަންޓް ހަދާފައި ފިޔަވަޅު އަޅާނެ ކަމަށެވެ. ޖެންޑާއިން އަމަލު ކުރަނީ ލިބޭ މައުލޫމާތުތަކަށް ބަލައިގެން ކަމަށް އީނާސް ވިދާޅުވި އެވެ. ނަމަވެސް އެ ކޭހުގެ ތަފްސީލު ދިނުމަށް ޖެންޑާ އިން ދެކޮޅު ހެދި އެވެ.

"މިސާލަކަށް އަޅުގަނޑުމެން އޭރު އެސެސްމަންޓް ހަދާފައި ތީގެން އެއްވެސް މައުލޫމާތެއް ނުލިބި އޮވެދާނެ. މިސާލަކަށް އެކުދިން ވަރަށް ހާލުގައި އުޅެނިއްޔޭ އެކަހަލަ ގޮތަކަށް، އެހެން އޮވެދާނެ،" އީނާސް ވިދާޅުވި އެވެ.

އަވައްޓެރިން އެތައް ފަހަރެއްގައި ކަމާ ބެހޭ ފަރާތްތަކަށް ހުށައެޅުމުން ވެސް މިމައްސަލަ ވަކި ކޮޅެއްގައި މިވަނީ ނުޖެހި އެވެ. މިއީ ދިވެހި މުޖުތަމައުގައި އަށަގެންފައިވާ ބަލިމަޑުކަމެކެވެ. ވ. ރަކީދޫގައި އަނިޔާވެރިކަމާ އެކު މަރާލާފައިއޮތް މުހައްމަދު އިބްތިހާލަށް ވެސް އެ ހާލު ޖެހުނީ އަޅައިނުލެވުމުގެ ސަބަބުންނެވެ. މިކުދިންނަށް ވެސް އެޖެހެނީ އެހާލެވެ.

ކުޑަކުޑަ މައުސޫމް ފަސް ކުދިން އެވަނީ އެތައް އަސާސީ ބޭނުމަކުން މަހުރޫމްވެފަ އެވެ. ބަނޑުފުރާނަ މުއްތިކޮށްލާނެ ވަރުނެތި ބިކަވެފަ އެވެ. އެއާ އެކު ދެން އެކުރިމަތި ވަނީ ދޮން ބައްޕަ އާއި އެހެން މީހުންގެ ޖިންސީ ގޯނާ އާއި ފުރައްސާރަ އެވެ. މަސްތުގައި ޖެހިފައިވާ ދެމަފިރިންގެ ދަރިން އެވަނީ ޖިންސީ އަނިޔާވެރިކަމެއްގެ ތެރޭގަ އެވެ. މިކަމަށް އަވަސް ހައްލެއް ބޭނުންވެ އެވެ.