11 Jul 2015, 15:25
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ދަރުބާރުގޭ ކައިރިން ހ. ހަންޑްރެޑްފްލާވާ ޖައިލަމް އަހްމަދު ޝާކިރު މަރާލި ކަމަށް ތުހުމަތު ކުރެވޭ ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދު ހޯދުމަށް އިންޓަޕޯލުން ރެޑްނޯޓިސް ނެރެފި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހުމައިދު ހޯދަމުން ދަނިކޮށް އޭނާ ވަނީ ސްރީލަންކާއަށްގޮސް ފިލައިފަ އެވެ.
އިންޓަޕޯލްގެ ވެބްސައިޓުގައި ވަނީ އުމުރުން 19 އަހަރުގެ ހުމައިދު ހޯދަމުން ދަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ގޭންގަކުން މީހަކު މަރާލި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ހުމައިދު ހޯދަމުންދަނީ ރާއްޖޭގެ ޕްރޮސިކުއުޓާ ޖެނެރަލްގެ އޮފީހުން ކަމަށާއި އެއީ އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޓަކައި ކަމަށް ވެސް އިންޓަޕޯލްގެ ވެބްސައިޓުގައިވެ އެވެ.
ޖައިލަމްގެ މަރާ ގުޅިގެން މިހާތަށް ތިން މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އެއީ ވ. ސިނަމާލެ 4 01-04 އިސްމާއީލް އަނީގު އާއި ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދު އާއި ޏ. ފުވައްމުލައް ޖަމްނާ އަލީ އިރުފާނެވެ.