11 Jul 2015, 15:08
(އިންޑިއަން އެކްސްޕްރެސް) އިސްރާއީލާ ދެކޮޅަށް ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުން އިއްޔެ ފާސްކުރި ގަރާރަށް އިންޑިއާ އިން ވޯޓެއް ނުދިނެވެ.
ޖެނީވާގައި އިއްޔެ ފާސްކުރި އެ ގަރާރަކީ މިދިޔަ އަހަރުގެ ޖުލައި މަހާއި އޮގަސްޓް މަހު ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގި އުދުވާނުގައި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާފައިވާ ކަމަށް ބުނާ ރިޕޯޓް ޔޫއެން ހިއުމަން ރައިޓްސް ކައުންސިލަށް ބަލައިގަތުމަށް ފާސްކުރި ގަރާރެކެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ އިސްރާއީލާ ދެކޮޅަށް ފާސްކުރާ އެފަދަ ގަރާރުތަކާ އެއްކޮޅަށް (އިސްރާއީލާ ދެކޮޅަށް) އާއްމުކޮށް ވޯޓް ދެމުން އަންނަ އެގައުމުން އިއްޔެ ވޯޓް ނުދިނުމަކީ އިސްރާއީލާ ދޭތެރޭ އެގައުމުން ގެންގުޅޭ ސިޔާސަތަށް އައި ބަދަލެއް ކަމަށެވެ.
އިންޑިއާ އާއި ކެންޔާއާއި އިތިއޯޕިއާ އާއި މެސަޑޯނިއާއިން ވޯޓް ނުދިނަސް އެގަރާރަށް 41 ގައުމަކުން ވޯޓް ދިނެވެ. އެގައުމުތަކުގެ ތެރޭގައި ފްރާންސާއި ޖަރުމަނާއި އިނގިރޭސިވިލާތާއި ރަޝާ ހިމެނެ އެވެ. އަދި އިންޑިއާއާއި އަވަށްޓެރި ގައުމުތަކުގެ ތެރެއިން ޗައިނާއާއި ޕާކިސްތާނާއި ދިވެހިރާއްޖެ އިން ވެސް ވޯޓްދީފައި ވަނީ ގަރާރާ އެއްކޮޅަށެވެ.
އިއްޔެ ފާސްކުރި ގަރާރާ ދެކޮޅަށް ވޯޓްދީފައި ވަނީ އެމެރިކާ އެކަންޏެވެ.