ސަންޢާ (ޖުލައި 11) : ޔަމަންގައި ހިނގަމުންދާ ހަނގުރާމަ އިއްޔެ ހަވީރުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލުމަށް ސައޫދީ އަރަބިޔާ އިސްކޮށް ހަރަކާތްތެރިވާ ކޯލިޝަނުންނާއި ޔަމަންގެ ސަރުކާރާއި ހޫޘީންނާ އަދި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްއަށް ތާއީދުކުރާ ފަރާތްތަކުން އެއްބަސްވެފައިވީ ނަމަވެސް މިއަދު ވެސް ހަމަލާތައް ކުރިޔަށްދާކަމަށް ޚަބަރު ލިބިއްޖެ އެވެ.

އދ. ން އިއްޔެ އިޢްލާންކުރި މިއެއްބަސްވުން އެގޮތުގައި އޮތްނަމަވެސް ސައޫދީ އަރަބިޔާ އިސްކޮށް ހަރަކާތްތެރިވާ ކޯލިޝަންގެ ވައިގެ ހަމަލާތައް މިއަދު ވެސް ޔަމަންގެ އެތައް ސަރަހައްދަކަށް އަމާޒުވިކަމަށް ޚަބަރު ލިބެ އެވެ. ޔަމަންގެ އަމަނާ ބެހޭ ފަރާތްތައް ބުނާގޮތުން ސައޫދީ ފައިޓަޖެޓްތަކުން މިއަދު ހެނދުނުވަނީ ޔަމަންގެ ހުލަނގު އުތުރުގައިވާ ހަރަޟް ސިޓީއަށް 4 ހަމަލާއެއް ދީފަ އެވެ. އަދި ޔަމަންގެ ތިންވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ތަޢްޒުގައިވާ ހޫޘީންނާ އަދި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްއަށް ތާއީދުކުރާ ހަނގުރާމަވެރިންގެ މަރުކަޒުތަކަށާއި އެއްވުންތަކަށްވެސް ސައޫދީ ފައިޓަރޖެޓްތަކުންވަނީ ހަމަލާތައް ދީފަ އެވެ.

މިހަމަލާތައްދޭންޖެހުނީ ސައޫދީ ގައި ދިރިއުޅުއްވާ ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީއަށް ތާއީދުކުރާ ފަރާތްތަކުގެ އަމާޒުތަކަށް ހޫޘީންނާ އަދި ކުރީގެ ސާލިޙްއަށް ތާއީދުކުރާ ހަނގުރާމަވެރިން ހަމަލާތައް ދިނުމުން ކަމަށްވިދާޅުވެ ސައޫދީ އަސްކަރީ ތަރްޖަމާން އަހްމަދުލްއުސައިރީ ވަނީ ސައޫދީންގެ ޙަމަލާތަކުގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ.

މީގެ ތިންމަސްކުރިން ޔަމަންގައި ހިނގަމުންދާ ހަނގުރާމަ ދިހަވަރަކަށް ދުވަހަށް ހުއްޓާލުމަށް މިހަނގުރާމައިގާ ޝާމިލްވާ ހުރިހާ ފަރާތްތަކަކުން އެއްބަސްވެފައި ވަނީ އދ. މެދުވެރިއަކަށް ވެގެންނެވެ. އިއްޔެ ހަވީރުން ފެށިގެން ފިތްރު އީދު ނިމެންދެން ހަނގުރާމަ ހުއްޓާލުމަށް ސައޫދީ އަރަބިޔާ އިސްކޮށް ހަރަކާތްތެރިވާ ކޯލިޝަނުންނާއި ޔަމަންގެ ސަރުކާރާއި ހޫޘީންނާ އަދި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްއަށް ތާއީދުކުރާ ފަރާތްތަކުން އެއްބަސްވެފައިވާކަން އދ. ން ޔަަމަނަށް ކަނޑައަޅާފައިވާ މަންދޫބު އިސްމާއީލް ވުލިދް އައްޝައިޚް އިއްޔެވަނީ އިޢްލާން ކުރައްވާފަ އެވެ. ޙަމަލާތައް ހުއްޓާލުމަށް އެންމެފަހުން އެއްބަސްވެފައިވަނީ އެއްވެސް ޝަރުތަކާނުލައި ކަމަށްވެސް އދ. ގެ މަންދޫބު ވިދާޅުވިއެވެ.

މިދުވަސްވަރު ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އެންމެ ބޮޑު ބޭނުމަކީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ޔަމަންގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް އިންސާނީ އެހީގެތަކެތި ފޯރުކޮށްދިނުން ކަމަށާ މިކަމަށް ޚާއްސަ ޕޮރޮގްރާމްތަކެއް ރާވާފައިވާ ކަމަށްވެސް އދ. ން ބުނެއެވެ.

މީގެ ތިންމަސްކުރިން ޔަމަންގެ ހަނގުރާމަ ފެށުނީ ހޫޘީ ޖަމާއަތުން ޔަމަންގެ ވެރިރަށް ސަންއާ ހިފުމާއެކު ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަނަށް ވައިގެ މަގުން ޙަމަލާތައް ދޭން ފެށުމުންނެވެ. ޔަމަނަށް ވައިގެ ޙަމަލާތައް ދިނުމުގެ ބޭނުމަކީ ހޫޘީ ހަނގުރާމަވެރިން ޔަމަންގެ ބޮޑެތި ރަށްތަކުން ބޭރުކޮށް ސައޫދީ އަރަބިޔާގައި ދިރިއުޅުއްވާ ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީއަށް އަލުން އަނބުރައި ވެރިކަން ހޯދައިދިނުން ކަމަށް ސައޫދީ ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް ސައޫދީ އިސްކޮށް އޮވެގެން ޔަމަނަށް ވައިގެ ޙަމަލާތައް ދެމުންގެންދާތާ ތިންމަސްވީއިރު ވެސް ސައޫދީންނަށް މިމަގްސަދު ޙާސިލް ކުރެވިފައެއްނުވެ އެވެ. (ނޫސްއެޖެންސީތައް)