އެއާއޭޝިއާގެ ދަތުރުތައް އަނެއްކާ ވެސް ރާއްޖެ އަށް ފަށާނެ ކަމަށާއި ޖުލައި 13ގައި ޓިކެޓް ވިއްކަން ފަށާނެ ކަމަށް އެ އެއާލައިނުގެ ސީއީއޯ ޓޯނީ ފެނާންޑާސް ވިދާޅުވެއްޖެ އެވެ.

އެއާއޭޝިއާގެ ސީއީއޯ ވަނީ އަނެއްކާ ވެސް ރާއްޖެ އަށް ދަތުރުތައް ފަށާކަން އިއުލާންކުރުމަކީ ވަރަށް އުފާވާކަމެއް ކަމަށް ބުނެ ޓުވީޓްކޮށްފަ އެވެ.

ރާއްޖެ އަށް ދަތުރުތައް ފަށަން އުޅޭ ކަމަށް ބުނެ މި އަހަރުގެ މާޗް މަހު ވެސް ފެނާންޑޭސް ވަނީ ޓުވީޓްކުރި އެވެ. އެ ޓުވީޓްގައި "އެކަންތައް ހަމަޖެހިއްޖެ" ކަމަށާއި ދެ ހަފްތާތެރޭ ޓިކެޓް ވިއްކާނެ ކަަމަށް ބުނެފައިވީ ނަމަވެސް ޓިކެޓްތައް ވިއްކާފައެއް ނުވެ އެވެ.

އެއާއޭޝިއާ އެކްސްގެ ދަތުރުތައް 2013 ވަނަ އަހަރުގެ ފަހުކޮޅު ރާއްޖެ އަށް ފެށި ނަމަވެސް މިދިޔަ އަހަރުގެ މާޗް މަހު ރާއްޖެ އަށް ދަތުރުކުރުން ހުއްޓާލީ އެ އާލައިނުން ރާއްޖެ އަށް ކުރާ ދަތުރުތަކަށް ލިބޭ ތަރުހީބު ކުޑަކަމުން ކުންފުންޏަށް ގެއްލުންވާތީ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.